އަންނަ ދައުރުގައި ގއ. ނިލަންދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ބަނދަރު ބޮޑުކޮށް، މަގު ހަދައި، ޔޫތު ސެންޓަރަކާއި ފުޓްބޯޅަ ދަނޑެއް އަޅައިދޭނަންއަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ނިލަންދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ކުރިމަތިލީ ޖަޒީރާ މެނިފެސްޓޯއަކާއި އެކު ކަމަށެވެ. އެއީ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒެއް ކަމަށާއި، އޭގެ ތެރެއިން ގިނަ ކަންކަން މިހާރު ނިމި ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމްކުރެވިފައިވާ ކަމަށެވެ.
ތަރައްގީ ގެނެވޭނީ އަމާންކަން ގާއިމްވެގެންނެވެ. އެއީ ސިޔާސީ ހިޔާލުތަފާތުވުންތަކަށްވެސް ޖާގަދިނުމެވެ. ރައީސް ވިދާޅުވީ، އެ ފުރުސަތު ދެނީ މި ސަރުކާރުން ކަމަށެވެ. ތަރައްގީގައި ދެން އެންމެ މުހިންމީ އުފާވެރިކަމާއި އަމާންކަމާއެކު ކުރިއަށް ދިޔުން ކަމަށާއި، އަންނަ ދައުރަށް ކުރިމަތިލަނީ އުފާވެރި ރައްޔިތުން ދިރިއުޅޭ، އަމާން ރާއްޖެއެއް ގާއިމްކޮށްދިނުމަށް ކަމަށެވެ.
ކުރިއަށް ދައުރުގައި ނިލަންދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަންނަ ދައުރުގައި ނިލަންދޫ މަގު ހަދައި ތާރު އަޅައިދެއްވާނެ ކަމަށެވެ. އަދި، ޒުވާނުންނަށްޓަކައި ޔޫތު ސެންޓަރަކާއި ފުޓްބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށެވެ. މީގެއިތުރުންވެސް، ގިރާ ސަރަހައްދު ހިމާޔަތްކޮށްދީ ބަނދަރު ބޮޑުކޮށް ޒަމާނީ ބަނދަރަކަށް ހަދައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ނިލަންދޫ ރައްޔިތުންގެ ކިބައިންވެސް ރައީސް އެދިވަޑައިގެންނެވީ، މި ސަރުކާރުން ގެންނަ ތަަރައްގީއާއެކު ކުރިއަށް ދިޔުމަށެވެ.