ކުރިޔަށް އޮތް ދައުރުގައި ބ.ކުޑަރިކިލު ސިއްހީ މަރުކަޒާއި، ސްކޫލް އަޕްގްރޭޑްކޮށް، ޒުވާނުންގެ މަރުކަޒެއް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުޑަރިކިލަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުޑަރިކިލުގެ ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެތަނަށް ހިދުމަތްތައް އިތުރުކުރާނެ ކަމަށާއި، އަދި ސްކޫލް އަޕްގްރޭޑް ކުރުމުގެ ގޮތުން އިތުރު ވަސީލަތްތައް ގާއިމުކޮށް، މަލްޓިޕާޕަސް ހޯލެއް އަޅައިދޭނެ ކަމަށެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
ކުޑަރިކިލުގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ރަށުގެ މުޅި ކަރަންޓް ނެޓްވޯކް ބަދަލުކުރާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ފަސޭހައިން ބޭންކްގެ ހިދުމަތް ލިބޭނެ ގޮތަށް ރަށުގައި އޭޓީއެމްއެއްވެސް ބަހައްޓާނެ ކަމަށެވެ.
ކުޑަރިކިލުގެ ޒުވާނުން އެދިފައިވާ ގޮތަށް ޒުވާނުންގެ މަރުކަޒު އެބޭފުޅުން ބޭނުންވާ ވަސީލަތްތަކާއެކު ގާއިމުކުރާނެ ކަމަށާއި، އަދި ޓެންޑާ ކޮށްފައި އޮތް ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ކުޑަކުދިންގެ ޕާކެއް އަޅައިދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.