ރައީސްގެ ވައުދު ގާދިއްފުށްޓަށް: ބިން އިތުރުކޮށް، އުސްފުށި ޕިކްނިކް އައިލެންޑަކަށް ހަމަޖައްސައިދޭނަން

F4mIbdNagAAvvcP

އަންނަ ދައުރުގައި ތ. ގާދިއްފުށީގައި ބިން އިތުރުކޮށް ރޯހައުސް ނުވަތަ ފްލެޓް އަޅައި، އުސްފުށި ޕިކްނިކް އައިލެންޑަކަށް ހަމަޖައްސައި، ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ގާދިއްފުށްޓަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުތަކުގެ ސިޔާސަތު އޮންނަ ގޮތުން، ކުދި އާބާދީތަކަށް އަލާޅުން އޮންނަނީ އެޖެންޑާގެ ވަރަށް ފަހަތުގައި ކަމަށެވެ. އެގޮތުން، ގާދިއްފުށްޓަކީވެސް އަޅާނުލާ އިހުމާލުވެފައި އޮތް ރަށެއް ކަމަށާއި، ޖަޒީރާ ރާއްޖޭގެ ތަސައްވަރާއެކު 2018ވަނަ އަހަރު އެމަނިކުފާނު ނިކުތީ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށް ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން، ގާދިއްފުށީގެވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައިވާ ކަމަށާއި، އިންޖީނުގެއަށް ބަދަލު ގެނެސް ފެނާއި ނަރުދަމާގެ ހިދުމަތްވެސް ނިމިފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ކުދި ރަށްރަށް ތަރައްގީ ކުރުމަށް އަދިވެސް އިތުރަށް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، ކުރިއަށް އޮތް ދައުރުގައި ގާދިއްފުށީގައިވެސް ބިން އިތުރުކޮށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

އަންނަ ދައުރުގައި ގާދިއްފުށްޓަށް އިތުރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ކައިރި އުސްފުށި މިވަގުތު ވަރުވާއަށް ލިޔެދީފައި އޮތް ރަށެއް ނަމަވެސް އެއީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހާއްސަ ކުރައްވާނެ ކަމަށެވެ. އަދި، ބިން އިތުރުކުރާއިރު، މޫދަށް އެރޭނެ ހާއްސަ ސަރަހައްދެއްވެސް ހަމަޖައްސަައި، ހެލްތު ސެންޓަރަށް އެކްސްޓެންޝަން އިމާރާތެއް އަޅައި އެތަނުން ލިބޭ ހިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށެވެ.

މިކަންކަން ކުރުމަށް ވައުދުވަނީ، ދައުލަތަށް ފައިސާ ހޯދޭނެ ގޮތްވެސް ހަމަޖައްސައިގެން ކަމަށާއި، ރާއްޖެއަށް މި ގެނެވެނީ އިގްތިސާދީ ބޮޑު ބަދަލެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދައުލަތުގެ އާމްދަނީ އިތުރުވަމުން އަންނަ ކަމާއި އަދި އިތުރު ކުރެވޭނެ ކަންވެސް ފެންނަ ކަމަށާއި، 2018 އިން 2028 އަށް އިގްތިސާދު ދެގުނަކޮށް 170 ބިލިއަނަށް އެރުވޭނެ ކަމަށެވެ. 2028 ވަނަ އަހަރު ބަޖެޓަކީ އަރަނި ބަޖެޓަކަށް ހައްދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެކަން ކުރެވޭނީ އަންނަމުން މިދާ ބަދަލާއެކު ކުރިއަށް ގޮސްގެނެވެ. ރައީސް ވިދާޅުވީ، ކެމްޕޭނަށް ދެވުނު ކޮންމެ ތާކުން ފެންނަނީ އުފާވެރި އަމާންރާއްޖެ ހޯދުމަށް ރައްޔިތުން ތިބި މަންޒަރު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *