ރައީސް، ގާދިއްފުއްޓާއި، މަޑިފުށީގައި ހިންގާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

F4mnjZoa4AAliPM

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ކޮޅުމަޑުލު ގާދިއްފުއްޓާއި، އެ އަތޮޅު މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް ސޯލިހު، ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ، ތ. ގާދިއްފުށީ ފެނާއި ނަރުދަމާގެ ނިޒާމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވާފައެވެ.

ތ. ގާދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ގެތަކަށާއި މުއައްސަސާތަކަށް ފެނާ ނަރުދަމާގެ ކަނެކްޝަންތައް މިހާރު ވަނީ ގުޅައިދީފައެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 500 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 15 މީޓަރު ސަރަހައްދެއްގައި ގްރޮއިން ވަނީ ޖަހާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ތ. ގާދިއްފުށީ ފެނަކަ އައު އޮފީހަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޒަމާނީ އޮފީސް ޢިމާރާތެކެވެ.

ރައީސް ސޯލިހު މިއަދު ހުޅުއްވައިދެއްވި، ތ. މަޑިފުށީ ވޮލީކޯޓަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީ ކޯޓެކެވެ. މިވޮލީކޯޓު އެޅުމުގެ މަސައްކަތްކޮށްފައި ވަނީ، ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *