ރައީސްގެ ވައުދު ކުރެންދޫއަށް: އިތުރު 50 ހައުސިން ޔުނިޓު އަޅައި، މަގު ހަދައި، ޔޫތު ކޮމްޕްލެކްސްއެއް

IMG_0852

އަންނަ ދައުރުގައި ޅ. ކުރެންދޫގައި އިތުރު 50 ހައުސިންގ ޔުނިޓު އަޅައި، މަގު ހަދައި، ޔޫތު ކޮމްޕްލެކްސްއެއްއަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކުރެންދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ކުރެންދޫގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތް ފެށުނީއްސުރެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށެވެ.

އޭރު ތަހައްމަލް ކުރި ދަތި އުނދަގޫ ކުރެންދޫ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ އިސްލާހީ މަސައްކަތުގައި ކުރެންދޫ ރައްޔިތުން ކުރި ދަތުރު ހަނދުމައައުކުރައްވާފައެވެ. 2000 އިން ފެށިގެން ކުރެންދޫ ރައްޔިތުން އިސްލާހީ މަސައްކަތުގައި ދެމި ތިބި ކަމަށާއި، 2018 ވަނަ އަހަރާއި ހަމައަށް ރާއްޖެ އިސްލާހު ކުރުމަށް އެ ރަށު ރައްޔިތުން ވަރަށް މަސައްކަތް ކުރިކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އަނިޔާވެރިކަން ނިމުމަކަށް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ ދައުރުގައި ކުރެންދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އަންނަ ދައުރުގައި އޭގެ ތެރެއަށް 50 ހައުސިންގ ޔުނިޓު އިތުުރުކުރައްވާނެ ކަމަށެވެ. އަދި، މަގުތައް ހަދައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށް، ގިރާ ސަރަހައްދު އިތުރަށް ހިމާޔަތްކޮށް، ބަޖެޓުކުރެވިފައިވާ ފަދައިން ސްކޫލަށް 12 ކްލާސްރޫމް އިތުރުކޮށްދެއްވާނެ ކަމަށެވެ. ޒުވާނުންނަށް އިންޑޯ ޔޫތު ކޮމްޕްލެކްސްއެއްވެސް އަޅައި، ވޭސްޓް މެނޭޖްމެންޓް އަޕްގްރޭޑްކޮށް ކުނީގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ކުރެންދޫ ރައްޔިތުން ޕިކްނިކް ދާނެ ރަށެއްވެސް އަންނަ ދައުރުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކައުންސިލާއި މަޝްވަރާކޮށް އަދި އިތުރު ކަންކަންވެސް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *