ކުޅުދުއްފުށްޓަށް ގިނަ ވައުދުތަކެއް: ޔޮޓް މެރީނާއަކާއި ޓޫރިޒަމަށް ހާއްސަ ޕްލޭނެއް، ބިން ހިއްކައި ލޯކަލް ކޮމާޝަލް ހާބަރެއް

IMG_5092

އަންނަ ދައުރުގައި ކުޅުދުއްފުށި ސިޓީގައި ޔޮޓް މެރީނާއަކާއި ޓޫރިޒަމަށް ހާއްސަ ޕްލޭނެއް ތައާރަފްކޮށް، ބިން ހިއްކައި ލޯކަލް ކޮމާޝަލް ހާރބަރެއް އަޅައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކުޅުދުއްފުށްޓަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ތަރައްގީއަށް ވޭތުވެދިޔަ ފަސް އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި، އެކަން ރައްޔިތުން ބަލައިގެންފައިވެސް ވާކަމަށެވެ. އެ ސަރަހައްދުގެ ތާރީހަށް ބަލާއިރު އެއީ ފުދުންތެރި ރައްޔިތުން ދިރިއުޅުން ރަށެއް ކަމަށާއި، ސަރުކާރުތަކުގެ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގެ ދިރުން ހުއްޓުމަކަށް އައިކަމަށެވެ.

އެންމެ އަސާސީ ކަންކަން ކުރުމަށްވެސް ޖެހެނީ މާލެ ދާންކަމަށާއި، އެއީ ރައްޔިތުން މުށު ތެރޭގައި ބޭތިއްބުމަށް ހުދުމުހުތާރު ވެރިން ގެންގުޅުނު އުކުޅެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. އެ ދަތި އުނދަުގުލުގައިވެސް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ކުރި މަސައްކަތުން ބޮޑެތި ބަދަލުތަކެއް އެ ރަށަށް ގެނެސްފައިވާކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، މިހާރު މިހުޅުވޭ ފުރުސަތުގެ ބަދަލު ރައްޔިތުން ހިފާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށެވެ.

އަންނަ ދައުރުގައި ކުޅުދުއްފުށި ސިޓީއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1000 ހައުސިންގ ފްލެޓް އެޅުމުގެ މަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައިކަމަށެވެ. އަދި، އިތުރަށް ކުޅުދުއްފުށި ހިއްކެން އޮތީ ކިހާ މިންވަރަކަށްތޯ ބެލުމަށްފަހު، އެތަން ހިއްކައި ޝޯ ޕްރޮޓެކްޝަން ޖަހައި ނިންމައިދޭނެ ކަމަށެވެ. ބައިނަލްއަގްވާމީ ފެންވަރުގެ ރެކްރިއޭޝަނަލް ޒޯނެއްވެސް އަޅައިދީ އެ ސިޓީގެ ރައްޔިތުން ޕިކްނިކް ދިޔުމަށްވެސް ރަށެއް ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ރާއްޖޭގެ އެތެރޭގެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ލޯކަލް ކޮމާޝަލް ހާރބަރެއް ގާއިމްކޮށްދޭނިމަށްވެސް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، "އޭގެ ސަބަބުން އެކި ރަށްރަށުން މި ރަށަށް ވިޔަފާރި ކަމު، މުދާ ހިފައިގެން އަންނަ ފަރާތްތަކަށް ފަސޭހަ ހިދުމަތްތަކެއް އެތަނުން ލިބިގެންދާނެ" ކަމަށެވެ. ކުޅުދުއްފުށި ސިޓީގެ ހުރިހާ މަގެއް ހަދައި، އެ ސިޓީ ކައިރި ކުނބުރުދޫއަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކޮށް، ކުޅުދުއްފުށީ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ސްޓޯރޭޖާއި ބޯޓްބިލްޑިންގއާއި ޕެކޭޖިންގ ފެސެލިޓީސް ފެށުމަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން، އެ ސަރަހައްދުގައި ޔޮޓް މެރީނާއަކާއި ކްރޫޒްލައިނަރ އަށް ހިދުމަތް ދެވޭނެ ގޮތަށް ކުޅުދުއްފުށި ސިޓީގައި ފެސިލިޓީޒް ގާއިމްކޮށްދޭނެކަމަށްވެސް ރައީސް ވަނީ ވައުދު ވެވަޑައިގެންފައެވެ. އެއާޕޯޓް އުތުރަށް އޮތް ބިމައް އެކްސެސް ރޯޑެއް ހަދައި، ޖަލްސާތައް ބޭއްވުމަށް ކޮންވެންޝަނަލް ސެންޓަރެއް ތަރައްގީކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ހާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ސަރަހައްދަށް ވަކިން ހާއްސަ ފައިނޭންޝިއަލް ޕެކޭޖެއް ތައާރަފްކުުރުމަށްވެސް ނިންމާފައިވެއެވެ.

ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ނިމުމާއެކު އެ ސަރަހައްދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެންމެ ބޮޑު ބަދަލަކަށް ވާނީ ޓޫރިޒަމް އެ ސަރަހައްދަށް އައުން ކަމަށާއި، ސަރުކާރުގެ އަމާޒަކީ 5،000 އެނދު ތައާރަފްކޮށް މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ލިބޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ، މިހާރު އަންނަމުންދާ ބަދަލުތަކާއެކު ކުޅުދުއްފުށީގެ ރައްޔިތުން ކުރިއަށްދާނަމަ، އެ ސިޓީގެ އެންމެނަކީ ފުދުންތެރި އުފާވެރި ދިރިއުޅުމެއްް އުޅެވޭނެ ބަޔަކަށް ވާނެ ކަމަށެވެ. ރާއްޖޭގެ އެންމެ އުތުރަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުގައި އެ ސަރަހައްދުގެ 40 ރަށަށް ރައީސް ވަނީ ވަޑައިގެންފައެވެ،

Leave a Reply

Your email address will not be published. Required fields are marked *