އަންނަ ދައުރުގައި ރ. އަނގޮޅިތީމުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ބަނދަރުގެ ދަތިކަން ހައްލުކޮށް، ކައުންސިލް އައު އިމާރާތަކާއި ހޭންޑްބޯލް ކޯޓެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު އަނގޮޅިތީމަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މި އަންނަނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ ތަރައްގީގެ މަޝްރޫއުތަކަށް ފޯކަސް ކޮށްގެން ކަމަށެވެ. އަބަދުވެސް، ހިޔާލު ތަފާތުވުން ހުންނާނެ ކަމަށާއި، އެހެންނަމަވެސް މަޝްވަރާ ކޮށްގެން ކަންކަން ނިންމުމަށް އިސްކަން ދެއްވާ ކަމަށެވެ.
ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ޖެހުނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ކަމަށާއި، ކުޑަ މިނުން ފެނާއި ނަރުދަމާވެސް ގިނަ ރަށްތަކުގައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. ކޮވިޑު ފަދަ ގިނަ ހުރަސްތަކަކާއެކުވެސް މިހާރު އޭގެތެރެއިން ގިނަ ހިދުމަތްތައް ފޯރުކޮށްދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަނގޮޅިތީމުގައިވެސް އެގޮތުން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ފެށިފައިވާއިރު، ރައީސް ވިދާޅުވީ ދެން އޮތީ އެ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުން ކަމަށެވެ.
އަންނަ ދައުރުގައި އަނގޮޅިތީމަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ނެރު އިރުމައްޗަށް ބަދަލުކޮށް، ޓީޖެޓީއެއް އަޅައި، މޫދަށް އެރޭނެ ސަރަހައްދެއް ހަދައި، ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި، އެ ރަށުގެ ބޮޑު ތިން މަގުގައި ތާރު އަޅައި، ރަށް ވަށައިގެން ދުއްވޭނެ ރިންގް ރޯޑެއް ހައްދަވާނެ ކަމަށާއި، ކައުންސިލާއި ޑަބްލިއުޑީސީއަށް އައު އިމާރާތެއް އަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، އެ ރަށު އަންހެން ބޭފުޅުން ބޭނުންވާ ހޭންޑްބޯލް ކޯޓެއް އަޅައި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ޕޮލިސް ޕޯސްޓެއް ގާއިމްކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސް ވަނީ މިހާރު އަންނަމުންދާ ބަދަލާއެކު ރައްޔިތުން ކުރިއަށް ދިޔުމަށް އެދިވަޑައިގެންފައެވެ. އަދި، މިފަހަރު އިންތިހާބު އެމަނިކުފާނު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބަށް ކެމްޕޭނަށް ކުރައްވާ ދަތުރުގެ ތެރެއިން ރާއްޖޭގެ އުތުރުގެ ހުރިހާ ރަށަކަށް ރައީސް އަންނަނީ ވަޑައިގަންނަވަމުންނެވެ. އެގޮތުން، އެންމެ ފަހު ރަށަށް މިއަދު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.