ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެމަނިކުފާނު މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސް ސޯލިހުއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސް ސޯލިހު އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 07 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި، ދިވެހިރާއްޖެއާއި ކެމްބޯޑިއާގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތައްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ކެމްބޯޑީއާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ދަތުރުފުޅަކީ، ކެމްބޯޑިއާ ސަރުކާރުގެ އިސްވެރިޔާ، ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *