ކޭޕާކް މައްސަލައިގައި މަންޑޭއަށް 200 އަށްވުރެ ގިނަ ދައުވާކުރަނީ!

F7B0B6E3-D7B5-412A-9B84-BB41A0933A37-850x548

ކޭ-ޕާކު ރެސިޑެންސްގެ އެޕާޓްމަންޓްތައް އޮޅުވާލައިގެން ގިނަ ބަޔަކަށް ވިއްކައި، ނަހަމަ ގޮތުގައި ފައިސާ ހޯދި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 225 އެއްހާ ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމީމް ވިދާޅުވީ، ކޭ-ޕާކް ރެސިޑެންޓްސްގެ 41 އެޕާޓްމަންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށް ބެލެވޭ ކަމަށާއި، އޭނާގެ މައްޗަށް ކުރާ ދައުވާތައް ގިނަވެފައި ވަނީ އޮޅުވާލައިގެން ފައިސާ ހޯދި ކޮންމެ މީހެއްގެ މައްސަލަ ވަކިން ކުރިޔަށް ގެންދާތީ ކަމަށެވެ.

މަންޑޭގެ މައްޗަށް ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި އޮޅުވާލުމުގެ ދައުވާ އާއި ޓެކުމުގެ އިތުރުން މަނީލޯންޑްރިންގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށާއި، ތަހުގީގުކޮށް ނިމިފައިވާ މައްސަލަތަކަށް އަންނަ ހަފްތާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ތަހުގީގުކޮށް ނިމޭވަރަކުން އިތުރު މައްސަލަތަކުގައިވެސް ދައުވާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފްޑަބްލިޔު ރެސިޑެންސްއިން ގަނެފައިވާ ޕެންޓްހައުސްއެއްގެ އަޅުގަނޑުމެން ވާނެ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި. 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ މި ޕެންޓްހައުސް ގަނެފައި ވަނީ، ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންކަން އެނގޭ. ޕެންޓްހައުސް ބަލައި ފާސްކުރިއިރު 200 ސެންޓު ފުޅި އާއި އަގުބޮޑެތި ދަބަހާއި، ގަހަނާވެސް ފެނުނު. ޕެންޓް ހައުސް އާއި އެތަނުން ފެނުނު ތަކެތީގެ އަގު 14.8 މިލިއަން ރުފިޔާއަށް އަރާ" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކޭޕާކްގެ މައްސަލައިގައި މަންޑޭ ހައްޔަރުކޮށް، އޭނާގެ މައްސަލަ ބަލަން ފަށާފައި ވަނީ އެޕާޓްމަންޓްތައް ވިއްކި ފަރާަތްތަކުން ފުލުހަށް މައްސަލަ ހުށަހަޅަން ފެށުމުންނެވެ. މިގޮތުން މަކަރާއި ހީލަތުން އެޕާޓްމަންޓްތައް ވިއްކި ގިނަ ބަޔަކު ފުލުހަށް އަދިވެސް އަންނަނީ މައްސަލަ ހުށަހަޅަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *