އަމީނީ މަގު ފަހު 2 ސެގްމަންޓްގެ މަސައްކަތް މަޑުޖައްސާލައިފި!

GBSGP5OaEAAhj64

އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގެ މަސައްކަތް ވަގުތީ ގޮތުން މަޑު ޖައްސާލަން ނިންމާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑިސީން ބުނީ، މޫސުން ތަން ނުދިނުމުގެ ސަބަބުން މިއަދު އަމީނީމަގު ސެގްމަންޓް 12 އަދި 13 ގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތައްވަނީ މަޑުޖައްސާލެވިފައި ކަމަށާއި، ކުރިއަށް ރޭވިފައިވާ ހުރިހާ މަސައްކަތްތަކަކީވެސް މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ކަމަށްވުމުން މޫސުން ތަންދިން އެންމެ އަވަކަހަށް މަސައްކަތް ފަށަންވަނީ ނިންމާފައި ކަމަށެވެ.

"ސްޓޯމް ވޯޓަރ ލައިން އެޅުމާއި ސްޓޯމް ވޯޓަރ އައުޓް ފޯލް ހޮޅި ޕަމްޕާއި ގުޅާލުމުގެ އިތުރުން ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. އަދި ގޭބިސީތަކާއި ގުޅާލެވޭ ފެނާ ނަރުދަމާގެ ހޮޅިއެޅުމުގެ މަސައްކަތް ކުރިޔައްދާނެ" އާރްޑީސީން ބުނެއެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގެ މަސައްކަތް ނިންމަން އާ ސަރުކާރުން ކަނޑައަޅާފައި ވަނީ 50 ދުވަހެވެ. ނަމަވެސް މޫސުން ތަން ނުދޭނަމަ މަސައްކަތުގެ ސްޕީޑަށް ލަސްތަކެއް އަންނާނެ ކަމަށް އާރްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން ޕްލޭންކޮށް ކުރިޔަށް ގެންދިޔަ އަމީނީ މަގުގައި ޖުމްލަ 13 ސެގްމަންޓް ހިމެނޭއިރު، އޭގެ ތެރެއިން 11 ސެގްމަންޓްގެ މަސައްކަތް އެއްކޮށް ނިންމާލީ ކުރީ ސަރުކާރުންކަން ފާހަގަކޮށްލެވެއެވެ.

މި މަޝްރޫޢުގެ ދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. އަދި މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *