ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި ސުކޫތެއް!

334889_08f61d5b-0_

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23 ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ.މުއިއްޒު ނިކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެސަރަޙައްދުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވިއެވެ. އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވިއެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ދިވެހިންގެ އެއްބައިވަންކަމުގެ ދުވަހާއި ގުޅިގެން ރައީސް ސޯޝަލް މީޑިޔާގައި ވިދާޅުވީ "ޤައުމަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން" މިހެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *