މުވައްޒަފުން ވަކިކުރަނީ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

Screenshot 2024-01-17 233609

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކިކުރަމުންދާތީ އެކަން އެންމެ ހަރު އަޑުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކުރަމެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން މުވައްޒަފުންތައް ވަކިކުރަމުން ދަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމުގައި އެމްޑީޕީން ދެކޭ ކަމަށާއި، ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅާ އެ ހައްގުން މަހުރޫމުކުރުމަށް އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން ކަމަށެވެ.

ރައީސް ޑރ މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީފާއެއްގައި ހުރި އެއްވެސް މުވައްޒަފެއް އެމަނިކުފާނުގެ ސަރުކާރުގައި ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައިކަން ފާހަގަކުރައްވާ އެމްޑީޕީން ބުނީ، ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި އެތައް ސަތޭކަ މުވައްޒަފުންނެއް އެމީހުންގެ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ.

މިއާއެކު، އެމްޑީޕީން ގޮވާލަނީ ސަރުކާރު ކުންފުނިތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށާއި، އަދި މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތައް އެ ބޭފުޅުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *