ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މިދިޔަ ފަސް އަހަރު ސްރީލަންކާގައި ދިރިއުޅޭ ކުދިންނަށް ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވައި ދިނުން ހުއްޓާލާފައިވާ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއު ހެއްދެވީ އިތުރުފުޅެއް ކަމަށް ސްރީލަންކާގައި ހުންނަ ހައިކޮމިޝަނުގެ ކުރީގެ ސެކަންޑް ސެކްރެޓަރީ އަދި އެ އެމްބަސީގެ މީޑިއާ ސެންޓަރުގެ ކުރީގެ ހެޑް ޖައުފަރު ރަޝީދު (ޖޯރޭ) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޖައުފަރު ވިދާޅުވީ، މެދުކެނޑުމެއްނެތި ސްރީލަންކާގައި ދިވެހި، އިސްލާމް އަދި ގުރުއާން މިދިޔަ ފަސް އަހަރު ކިޔަވައިދީފައިވާއިރު، ކޮވިޑް ތެރޭގައި އޮންލައިންކޮށްވެސް ކިޔެވުން ކުރިޔަށް ގެންދިޔަ ކަމަށެވެ.
"ދިވެހިރާއްޖެ އެޑިއުކޭޝަން މިނިސްޓަރު މިހާބޮޑު ދޮގެއް ރާއްޖޭގެ ރަށަކަށް ވަޑައިގެން ރޯމާ ދުވާލު ހެއްދެވީ ކީއްވެބާ. ވަރަށް ހިތާމަ ހުރި. މިއީ ސީދާ ކަނޑަ އެޅިގެން ބުހުތާނު ދޮގު. މެދުކެނޑިފައެއްވެސް ނުވާނެ"
ސްރީލަންކާގައި ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވައިދިނުން އިތުރަށް ރަނގަޅުކޮށް، ހަރުދަނާވެސް ކުރިކަން ފާހަގަކުރައްވާ ޖައުފަރު ވިދާޅުވީ، ސޯސަންވިލާގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ބަރާބަރަށް ކިޔެވުން ކުރިއަށް ގެންދިޔަ ކަމަށާއި، މިދިޔަ ފަސް އަހަރުވެސް ސޯސަންވިލާގައި، ދިވެހި ކުދިން އެސްއެސްސީ އިމްތިހާނު ހެދި ކަމަށެވެ.
މީގެއިތުރުން ކުދިންގެ ނަތީޖާވެސް ވަރަށް ރަނގަޅު ކަމަށާއި، މިދިޔަ ފަސް އަހަރުވެސް އެސްއެސްސީ އިމްތިހާނުން އޭ ސްޓާ ހޯދި ކުދިންވެސް ތިބި ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވީ، މޯލްޑިވްސް ސެންޓަރުގައި ކިޔަވައިދޭ ދުވަސްތައްވެސް އިތުރުކޮށް، އިތުރު ކްލާސްތައްވެސް ނަގައިދޭން ފަށާފައިވާއިރު، ކޮންމެ ހަފްތާއަކު ތިން ދުވަހު، ހަވީރު 4 އިން 6 އަށް ހުރިހާ ގްރޭޑް ތަކުގެ ކިޔަވައިދިނުން ބޭއްވި ކަމަށެވެ.
"ރައީސް ސޯލިހުގެ ސަރުކާރު ނިމި، 2023 ގެ ޑިސެމްބަރު 31 ވަނަ ދުވަހު އަޅުގަނޑު މޯލްޑިވްސް ސެންޓަރާ ވަކިވީއިރު، މޯލްޑިވްސް ސެންޓަރުގައި 198 ކުދިން ތިބި. މި ތިން މާއްދާ ކިޔަވައި ދިނުމަށް 14 މުދައްރިސަކު ޚިދުމަތުގައި ތިބ. އެއީ މުޅިވެސް ދިވެހި ރައްޔިތުން. މި އަހަރުވެސް މޯލްޑިވްސް ސެންޓަރުގެ ގްރޭޑް 10 ގައި 7 ކުދިން ކިޔަމުން އެބަދޭ. މި އަހަރު އޮންނަ އެސްއެސްސީ އިމްތިހާނުގައިވެސް އެ ހަތް ކުދިން އިށީންނާނެ. އަޅުގަނޑު ސެންޓަރާ ވަކިވުމުގެ ކުރިން އެ ހުރިހާ ކުދިން އެސްއެސްސީގައި ބައިވެރިވުމާބެހޭ ހުރިހާ ޑޮކިއުމަންޓެއް ދިވެހިރާއްޖޭގެ ޕަބްލިކް އެގްޒަމިނޭޝަނަށް ހުންނާނީ ފޮނުވާފައި" " ޖައުފަރު ވިދާޅުވި އެވެ.
ގްރޭޑް 10 އަދި ގްރޭޑް 9 ގެ ދަރިވަރުންނަށް ހަފްތާ ބަންދު (ހޮނިހިރު، އާދީއްތަ) މި ދެ ދުވަހު ދިވެހި، އިސްލާމް އިން އިތުރު ގަޑިވެސް މުދައްރިސުން ނަގައިދެމުންދާއިރު، ޗުއްޓީ އާއި ރޯދަ މަހުވެސް ގްރޭޑް 10 ގެ ކުދިންނަށް ކްލާސްތައް ކުރިޔަށް ގެންދާ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
މޯލްޑިވްސް ސެންޓަރުގައި ޤުރުއާން ޕޫލެއް ފުރަތަމަ ފަހަރަށް ތަޢާރަފް ކޮށްފައިވާނީ ރައީސް ސޯލިހުގެ ވެރިކަމުގައިކަން ފާހަގަކުރައްވާ ޖައުފަރު ވިދާޅުވީ، މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން، ސެންޓަރުގެ ނަމުގައި ދިވެހިރާއްޖެ އައިސް، މާލޭގައި އޮންނަ ގައުމީ ގުރުއާން މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރި ވުމުގެ ފުރުސަތު ދެއްވި ސަރުކާރަކީ ރައީސް ސޯލިހުގެ ސަރުކާރު ކަމަށެވެ.
"އެއީ މިދިޔަ އަހަރު މާލޭގައި އޮތް ގައުމީ މުބާރާތް. ސެންޓަރުގެ ހަތަރު ދަރިވަރަކު މުބާރާތުގައި ކިޔެވި. އެއީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި ކުދިން ރާއްޖެ އައިސް ކިޔެވި ފުރަތަމަ ފަހަރު. ނަމަވެސް ހިތާމައަކީ ރައީސް ސޯލިހުގެ ސަރުކާރު ނިމުނު ފަހުން، އެންމެ ފުރަތަމައިން އަންނަ ގައުމީ ގުރުއާން މުބާރާތުގައިވެސް މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން ބައިވެރި ނުކުރާކަން" ޖައުފަރު ވިދާޅުވި އެވެ.
މިއަހަރު ގައުމީ ގުރުއާން މުބާރާތުގައި މި ސަރުކާރުން މޯލްޑިވްސް ސެންޓަރު ބައިވެރި ކޮށްފައި ނުވާއިރު، ޖައުފަރު ވިދާޅުވީ، މިއީ އަޅުގަނޑުމެން މޯލްޑިވްސް ސެންޓަރުގައި ގުރުއާން އަށް ދިން އަހަންމިއްޔަތަށް މި ސަރުކާރުންވީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.
ރައީސް ސޯލިހުގެ 5 އަހަރު ދުވަހު، އެމަނިކުފާނުވެސް، އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް، އަދި ސަފީރު ކަމަށް ވަޑައިގެން ކޮންމެ ބޭފުޅަކުވެސް މޯލްޑިވްސް ސެންޓަރުގެ ކިޔަވައިދިނުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވި ކަމަށާއި، ކިޔަވައިދިނުމުގެ ޚިދުމަތް އަބަދުވެސް ރަނގަޅު ކުރުމަށް ލަފާ ދެއްވަމުން ގެންދިޔަ ކަމަށެވެ.
"ރައީސް ސޯލިހުގެ ވެރިކަމުގައި އެ ކަންކަން ނުހުއްޓި ކުރިއަށް ދިޔަކަން ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުން ހެކިވާނެ. ސެންޓަރުގެ ހުރިހާ މުދައްރިސުންނާއި މުވައްޒަފުން ހެކިވާނެ. ސެންޓަރުގެ ހުރިހާ ބެލެނިވެރިންނާއި ދަރިވަރުން ހެކިވާނެ. ފަހަރުގައި ތ. އަތޮޅުގެ ރަށަކަށް ވަޑައިގެން އެހެން ގޮތަކަށް މިނިސްޓަރު ވިދާޅުވީމަ އެތަނުގައި ތިބި ހަޔެއްކަ ބޭފުޅަކަށް އޮޅުވާލެވިދާނެ" ޖައުފަރު ވިދާޅުވި އެވެ.
ލޭޝިޔާގައިވެސް ދިވެހި، އިސްލާމް ކިޔަވައިދޭ ކަމަށާއި، މެލޭޝިޔާގައި ތިބޭ ކުދިންނަށް އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދެއްވީވެސް ރައީސް ސޯލިހުގެ ސަރުކާރުންކަން ޖައުފަރު ފާހަގަކުރެއްވި އެވެ.
ރައްޔިތުންނަށް އޮޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓަރު އިތުރުފުޅު ހައްދަވާފައިވާތީ ޖައުފަރު ވަނީ އެކަމުގައި އެޑިއުކޭޝަން މިނިސްޓަރު މައާފަށް އެދެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.