ރީޑިންގ ނުނަގާ ބިލެއް ނުކުރާނެ، މުވައްޒަފުން ކުރަނީ އިޚުލާސްތެރި މަސައްކަތެއް: ސްޓެލްކޯ

Stelco

ސްޓެލްކޯއިން ޚިދުމަތަށް ބިލް ކުރަމުން ދަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެ އުސޫލުތަކާއި ޚިލާފަށް ބިލް ނުކުރާނެ ކަމަށް ސްޓޭޓް އިލެކްތްރިކް ކޮމްޕެނީ ލިމިޓެޑްއިން ބުނެފިއެވެ.
ސްޓެލްކޯއިން މީޑިއާއާ ހިއްސާކުރި ސްޓޭޓްމަންޓެއްގައި ބުނީ ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދު ނުކެނޑި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތާއި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެ އުސޫލުތަކާއި ޚިލާފަށް ސްޓެލްކޯއިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވާކަމަށް އެ ސްޓޭޓްމަންޓްގައިވެއެވެ.
ސްޓެލްކޯގެ ސްޓޭޓްމަންޓްގައި އިތުރަށް ބުނެފައިވަނީ ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކުގެ ބޭރުން، ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް އަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ. ސްޓެލްކޯއިން ވަނީ ރައްޔިތުންގެ މެދުގައި އެ ކުންފުންޏާއި މެދު އޮތް ތަޞައްވުރު ނައްސި ވާގޮތަށް އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން ކުށްވެރިކޮށްފައެވެ.
ސްޓެލްކޯއިން ނެރުނު ސްޓޭޓްމަންޓްގައި އެ ކުންފުނިން ވަނީ ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަން ފާހަގަކޮށްފައެވެ. އަދި ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ސްޓެލްކޯއިން ވަނީ އެ ކުންފުނިން ބިލް ކުރަމުންދަނީ ބިލް ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް ދަޢުވަތުދީފައެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ އެ ކުންފުންޏަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ ސްޓެލްކޯއިން ފަޚުރުވެރިވާ ކަމެއް ކަމަށާއި، ރައްޔިތުން ސްޓެލްކޯއަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *