ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ" ސްކީމް އަދި ފްލެޓް ދޫކުރުމަށް ހިންގި "ގެދޮރުވެރިޔާ" ސްކީމާއި ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް އަމުރު ކުރައްވައިފި އެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދަށް ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައިވާ މައްސަލައެއް ފެންމަތިވެ ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ފަޒީލް ރަޝީދަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެވެ.
މިމައްސަލަ ފެންމަތިވެ އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑް ކޮށްފައިވަނިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީ އައްބާސް އަމުރުކުރެއްވީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށެވެ.
މިކަން ހާމަކޮށް ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"މި ކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، މިއީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވައެވެ." ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މަސައްކަތް ފެށުނީއްސުރެ މިއަދާ ހަމައަށް ހިނގާފައިވާ އެންމެހައި ކަންކަންމުގެ ފުރިހަމަ ޖިނާއީ ތަހުޤީޤެއް ހިންގުމަށްފަހު، އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ، އެކަން ތަހުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކުރައްވައިފަ އެވެ.
އަދި މި މައްސަލައިގެ ތަހުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު އެއް ފަހަރު ޕީޖީއާއި ހިއްސާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަހުޤީޤެއް ހިންގުމަށް އަމުރުކުރައްވާފައިވެ އެވެ.