މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން 32 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ، މާލޭގައި ފެން ބޮޑުވުމާއި ގުޅިގެން ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލެސިޓީ ކައުންސިލް އަދި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އެހީތެރިކަމާއެކު 47 ތަނެއްގައި ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ.
ފެންބޮޑުވުމާއި ގުޅިގެން ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެެޕިޑް އެސެސްމެންޓް ރެޑްކްރެސެންޓުގެ އެހީތެރިކަމާއެކު ހަދާފައިވާ ކަމަށާއި އަދި 8 ގޭބިސީއަކުން 32 މީހުން އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދެވުނު ކަމަށް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.
އިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މާލެއަށެވެ. މާލެއަށް ރޭ ހުއްޓާ ނުލާ ވާރޭވެހުނުއިރު މެޓް އޮފީހުން ބުނެފައިވަނީ މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.