މިފެށޭ 2025 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މީލާދީ އާ އަހަރާ ގުޅިގެން ފޮނުއްވި ޚިތާބުގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތަކީ ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް، ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް ކަމަށެވެ.
2025 ވަނަ އަހަރު ހިމެނިގެންދާނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫއުތައް ފެށޭނެ އަހަރަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެކަމުގެ ނަތީޖާއަކަށް ވާނީ، އިޤުތިސާދީ ފުދުންތެރިކަން އިއާދަވެ މަސައްކަތްތެރީންނަށް ފުރުސަތުތައް ހުޅުވިގެންގޮސް އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބުން ކަމަށެވެ.
"އާ އަހަރަކީ އަބަދުވެސް ޢަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެކެވެ. ޤައުމީ ފެންވަރުގައްޔާއި، ޖަމާޢަތުގެ ފެންވަރުގައްޔާއި، ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ ޢަޒުމު ކަނޑައެޅިދާނެއެވެ. ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުމެވެ. ވަޢުދުތައް ފުއްދުމެވެ. އިތުބާރު ދެމެހެއްޓުމެވެ. އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުމެވެ. މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމެވެ." ރައީސް މުއިއްޒު ވިދާޅުވި އެވެ.
2025 ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ، މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެވެ.