ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރަން ނިންމާފައި ނުވާކަމަށް ސަރުކާރުން ބުނެފި އެވެ.
ޓިކްޓޮކް އަދި އެކްސް ބްލޮކް ކުރަން އުޅޭކަމަށްބުނެ ސޯޝަލްމީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.

މި ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދް މިއަދު ވިދާޅުވީ، ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވެއެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވެއެވެ." ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ހުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށެވެ.