އެސްޓޯނިއާގެ ރައީސްގެ ދައުވަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި 1.3 މިލިއަން ރުފިޔާ ހޭދަކުރިކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް މުއިއްޒު އެސްޓޯނިއާއަށް ދަތުރުކުރެއްވީ ޖެނުއަރީ 13 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ މި ދަތުރަށް ސަރުކާރުން 1،371،069.18 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. މި ހަރަދު ހިނގި ގޮތުގެ ތަފުސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. މީގެކުރިން ރައީސް އޮފީހުން ދަތުރުތަކުގެ ހަރަދުތަކުގެ ތަފުސީލު ހާމަކުރިނަމަވެސް މިހާރު ހާމަކުރަނީ ހަރަދުވި ޖުމުލަ އަަދަދު އެކަންޏެވެ.
މިދަތުރުގައި ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އެހެން ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މިދަތުރުގެ ތެރެއިން ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.