މިއަދު ފެނިގެންދަނީ މި ސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ފުނޑާލަމުންދާތަން ކަމަށް އެމްޑީޕީގެ ރައިސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި ޝުއޫރުފާޅުކޮށް އިހުތިޖާޖު ކޮށްފަ އެވެ. އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެމްޑީޕީގެ މެންބަރުންގެ ނަން އިއްވާފަ އެވެ. އަދި އެ މެންބަރުން ވަނީ ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރެފަ އެވެ.

"އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއްމެ ބަންދުކޮށް, އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެ, ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސް މުއިއްޒު މިއަދު އިވެވި ރިޔާސީ ބަޔާނުން ހާމަވީ, މިސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ފުނޑާލަމުން ދާކަން." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ފާއިތުވި އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވީ ވައުދުތައް ރައްޔިތުންނަށް ނުފުއްދަވާ ކަމަށެވެ. އަދި މިއަދު އާ ވައުދުތަކެއް މަތިމައްޗަށް ވެވަޑައިގެންނެވުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް ވެވަޑައިގެންނެވި ބޮޑު އިހުމާލެއް ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް މުއިއްޒުއަށް އިނދިކޮޅު އަޑު ފަނޑު ކޮށެއް ނުލެވޭނެ, މިސަރުކާރު ޒިންމާދާރުކޮށް, ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނެ." ޝާހިދު ވިދާޅުވި އެވެ.
ނަން އިއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަހުމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ނާޒިލް، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.
މެންބަރުންގެ ނަން އިއްވުމުން މަޖިލީހުގެ ސެކިއުރިޓީން ވަނީ މެންބަރުން ގަދަކަމުން ތަޅުމުން ނެރެފަ އެވެ. އެގޮތުން ބައެއް މެންބަރުން ނެރުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.