ޤާނޫނަށް ގެނެސްފައިވާ ބަދަލާއިއެކު މިއަހަރު ބާއްވާ ފުރަތަމަ ބައި އިލެކްޝަން އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
މިއަދު ކުރިއަށްގެންދަނީ 12 ރަށެއްގެ ބައި އިލެކްޝަނެވެ. އެގޮތުން 2 ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 10 އިންތިހާބު ކުރިއަށްދާނެ އެވެ.

މި 12 ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 08:00 ގައި ފެށުނުއިރު މިއަދު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްގެންދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެ އެވެ.
މިއަދު ކުރިއަށްގެންދަނީ ހދ. މަކުނުދޫ ކައުންސިލް މެންބަރު، ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި، ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބެވެ.
ޤާނޫނަށް ގެނެސްފައިވާ އިސްލާހާއި އެކު ބައި އިލެކްޝަންތައް މިހާރު ބާއްވާނީ އަހަރަކު ދެ ފަހަރު އެވެ.