ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ޕީޖީ އޮފީހުން ކުރިއަށްގެންދާ ބަންދު ފޯރަމް ޖުޑިޝަރީއާއެކު ކުރިއަށްގެންގޮސްފި އެވެ.
ޖުޑިޝަރީއާއެކު ކުރިއަށްގެންދިޔަ ބަންދު ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ޖުޑީޝަރީއަށް ހާއްސަ ކޮށްގެން ފޯރަމް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްސަދަކީ، ކޯޓުތަކުގެ ޖާގައާއި ވަސީލަތްތަކުގެ ދަތިކަތަކާ އެކުވެސް، މައްސަލަތަކުގެ ޝަރީއަތް އަވަސްކުރުމަށްޓަކައި، މި ނިޒާމުގައި ހިމެނޭ އިދާރާތަކުން ކޯޓުތަކަށް ކޮށްދެވޭނެ ކަންކަން ދެނެގަތުމެވެ. އަދި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީއަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ޕީޖީ އޮފީހަށް ކޮށްދެވެންހުރި ކަންކަން ދެނެގަތުން ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
ޝަރުއީ ދާއިރާއަށް ހައްސަކޮށްގެން ކުރިއަށްގެންދިޔަ ބަންދު ފޯރަމްގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ ޤާޟީންނާއި ކޯޓުތަކުގެ މެޖިސްޓްރޭޓުން ހިމެނޭގޮތުން 60 އަށްވުރެ ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި ފޯރަމްގައި ކޯޓުތަކުގައި ތާވަލުކުރެވޭ އަޑުއެހުންތައް ކެންސަލްކުން މަދުކުރުމަށްޓަކައި، ސެންޓްރަލައިޒްޑް ޝެޑިއުލިން ނިޒާމެއް ޤާއިމުކުރުމާއި، މައްސަލަތަކުގެ އަބްތިދާއީ އަޑުއެހުންތައް މަދުކުރުމަށްޓަކައި، ޝަރީއަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެންހުރި ކަންކަން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމާ ނުލައި ކުރިއަށްގެންދިއުމާއި، ހެކިން ކޯޓަށް ހާޒިރުކުރުމުގައި ދިމާވާ މައްސަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މީގެއިތުރުން ޝަރީއަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން، މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭ ޤާނޫނީ މަޝްވަރާއާއި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުމުގެ އިތުރުން މައްސަލަތަކުގެ ލިޔުންތައް ހިއްސާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.