ކަރަންޓު އިގްތިސާދު ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި

Stelco

ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ، ރޯދަ މަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ކާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެ، ހެނދުނު 6 އިން 9 ޖެހުމާއި ހަމައަށް އެއްހަމައެއްގައި މަތިވަމުންގޮސް، ހެނދުނު 9 ން ފެށިގެން މެންދުރު 1 ކާއި ހަމައަށް، ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

މީގެއިތުރުން މެންދުރު 1 ކާއި ހަވީރު 5 ކާއި ދެމެދު، ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމުން މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރު ކަމަށް ފާހަގަ ކުރެވޭ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ. މީގެ އިތުރުން ހަވީރު 5 ކުން ފެށިގެން ރޭގަނޑު 7 ޖެހުމާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކަމަށް ފާހަގަ ކުރެވުނު ނަމަވެސް، އޭގެ ފަހުން ދަންވަރު 12 ޖެހުމާއި ހަމައަށް މެންދުރުގެ ލޯޑާއި އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށްވެސް ވިދާޅުވި އެވެ.

"އެހެން ކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައި މިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން." ސްޓެލްކޯއިން ބުނެފައިވެ އެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު ސްޓެލްކޯއިން ހާމަކުރަމުންދާއިރު، މި ތަފާސްހިސާބުން ދައްކާގޮތުން ކޮންމެ ދުވަހަކުވެސް ކަރަންޓޫ ބޭނުންކުރާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *