ޖޭއެސްސީގެ އަޑުއެހުން އާންމުންނަށް ހުޅުވާނުލަން ނިންމައިފި

Screenshot

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ ފަނޑިޔާރުންގެ މައްސަލަތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށް ނިންމައިފި އެވެ.

ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވަނީ އަޑުއެހުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. ފަނޑިޔާރު އަޒްމިރާލްދާގެ މައްސަލައިގައި ފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުކުރަނީ މާދަމާ އެވެ.

އާންމުންނަށް ހުޅުވާލައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް އެދުނުނަމަވެސް ޖޭއެސްސީން ނިންމާފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ކުރިއަށް ގެންދިއުމަށް ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް މަޖިލީހުން ފާސްކުރި އެވެ. އެގޮތަށް ފާސްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭސީސީން ހިންގާ ތަހުގީގެއްކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވެ އެވެ. އެގޮތުން ސަސްޕެންޑް ކުރީ ފަނޑިޔާރު އަޒްމިރާލްދާ، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. މިކަންކަމާ ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *