ސްޓެލްކޯގެ ޓެކްނިކަލް ޤާބިލިއްޔަތުކަމާއި ގުޅޭގޮތުން ސުވާލުއުފައްދައި ދައުރުކުރަމުންދާ ވާހަކަތަކަށް ސްޓެލްކޯއިން ރައްދު ދީފިއެވެ.
އެ ކުންފުނީގެ ޓެކްނިކަލް ޤާބިލިއްޔަތުކަމާއި އަދި ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު މަޢުލުމާތު ފަތުރަމުންދާތީ އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ސްޓެލްކޯގެ އިންޖީނުތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ދިގު މުއްދަތަކަށް ފުދޭވަރަށް އަބަދުވެސް ސްޓޮކްގައި ރައްކާކުރެވިފައި ހުންނަ ކަމަށާއި، އިތުރަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް މެދުނުކެނޑި އަބަދުވެސް ކުރިއަށްދާ ކަމަށެވެ. އެ ކުންފުނިން ބުނީ އެފަދަ ސާމާނު ހޯދުމުގައި މިހާތަނަށް އެއްވެސް ހުރަހެއް ދިމާވެފައި ނުވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން އިންޖީނުތަކުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުރާލާ ރާވައިގެން ކަމަށާއި، މައްސަލަތައް ދިމާވުމުގެ ކުރިން ރޭވިފައިވާ ތާވަލާއި އެއްގޮތަށް އިންޖީނުތައް އޯވަރހޯލްކޮށް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން އެންމެ ފަހުން ސްޓެލްކޯގެ ޖެނެރޭޓަރަކަށް ދިމާވި މައްސަލައިގެ މަޢުލޫމާތު ކުންފުނިން ވަނީ ތަފްޞީލުކޮށްދީފައެވެ. 28 އޭޕްރީލްގައި މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާ ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ނިއްވާލެވުނެވެ. މި ހާދިސާއަށްފަހު އިންޖީނު ދެ ދުވަހުގެ ތެރޭގައި މަރާމާތުކޮށް، މިހާރު ދަނީ ބޭނުންކުރަމުންނެވެ.
ޒަމާނުއްސުރެ ސްޓެލްކޯ ފާހަގަކުރެވެނީ ޚިދުމަތްދިނުމަށް ދުނިޔޭގެ ފެންވަރު ރަނގަޅު ބްރޭންޑްތަކާއި ގުޅިގެން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައެވެ.