ކ. ދިއްފުށީގައި ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރަމުންދާ އިންޖީނުގޭގެ ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ. މި އިންޖީނުގޭގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއް ހިމެނެއެވެ.
ސްޓޭޝަން މެނޭޖަރ ހުސެއިން ޝާފިއު ހާމަކުރެއްވި ގޮތުގައި 2024 ވަނަ އަހަރުގެ ޖޫން މަހު އިމާރާތުގެ މަސައްކަތް ފެށި، އޭގެ ފަހުން އަށް މަސްދުވަހުގެ ތެރޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރިއަށް ގެންގޮސް، މިހާރު ވަނީ ނިމުމާ ހަމައަށް ގޮސްފައެވެ. ނަމަވެސް ބައެއް މުދާ ހޯދުމުގައި ދިމާވި ދަތިތަކާ ހުރެ ކުޑަ ލަސްތަކެއް އައި ކަމަށާއި، އޭގެ ފަހުން ފިއުލް ސްޓޯރޭޖް އިތުރުކުރުމަށް ދެ ތާނގީ އިތުރުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ ކުރީގެ އިންޖީނުގެ އައު އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތްތަކެވެ. އިންޖީނުތައް ވަނީ އިންސްޓޯލްކޮށް ޓެސްޓުކުރެވިފައެވެ. ދެން ހުރީ ހަމައެކަނި ފިނިޝިންގ މަސައްކަތްތަކާއި ދެ ޕަވަރ ހައުސް ގުޅުވާލުމުގެ މަސައްކަތެވެ.
ޝާފިއު ވިދާޅުވި ގޮތުގައި އައު އިންޖީނުގޭގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުންނާނީ 7 މެގަވޮޓުގައެވެ. އެއީ މިހާރުގެ 2,200 ކިލޯވޮޓާ އަޅާބަލާއިރު ތިން ގުނަ ކެޕޭސިޓީއެކެވެ. އާ އިންޖީނުގެ އެޅުމުގެ މައިގަނޑު ބޭނުމަކީ ކެޕޭސިޓީ އިތުރުކުރުމާއި، ޖާގައިގެ ދަތިކަން ހައްލުކުރުމެވެ. 30,000 އަކަފޫޓުގެ ސަރަޙައްދެއްގައި ތަރައްޤީކޮށްފައިވާ މި އިންޖީނުގޭގައި މުވައްޒަފުންގެ ބޭނުންތަކަށް ދެ ކޮޓަރީގެ އެކަމަޑޭޝަން ބްލޮކަކާއި، ކެއްކުމުގެ އިންތިޒާމާއި، ކޮފީ ކޯނަރއާއި، ނަމާދުކުރާ ތަނެއްވެސް ހިމެނެއެވެ.
މީގެ އިތުރުން މި ކޮމްޕްލެކްސްގައި ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސަރވިސް ބިލްޑިންގއަކާއި ސޭލްސް ސެންޓަރެއްވެސް ހިމެނެއެވެ.