މިހާރު ހިނގަމުން އަންނަ ކޮލެޖްތައް، ޔުނިވަރސިޓީތަކަށް ބަދަލުކުރެވޭނެ ހާލަތުތައް ބަޔާންކުރާ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ. އިއްޔެ ރައީސް ތަސްދީޤުކުރެއްވި މި ބިލަކީ، މި ނޮވެންބަރު 5 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ޤާބިލުކަން ހުރި ފަރާތްތަކަށް ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ހިންގޭނޭ ޝަރުތުތައް މުރާޖަޢާކޮށް އިޞްލާޙުކުރުން" ކަމަށް ސަރުކާރުން ބުންޏެވެ.

މި އިޞްލާޙާއެކު ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތެއްގެ ގޮތުގައި އެ މަރުކަޒަކީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ، ނުވަތަ ބޭރު ޤައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށްވުން ހިމަނާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި އިތުރު ޝަރުޠުތަކެއް ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ޤާނޫނަށް ގެނައި އިސްލާހާއެކު ޕްރައިވެޓް ސެކްޓަރގައި ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި، އާއްމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުއްޓެވެ. އެގޮތުން މިއީ ވަކި ކޮލެޖެއް، ޔުނިވަރސިޓީއަކަށް ހެދުމަށް އެ ކޮލެޖްގެ މަސްލަހަތު އޮތް ފަރާތަކަށް ދޭ 'ސިޔާސީ ހަދިޔާއެއް' ކަމަށް ބައެއް ފަރާތްތަކުން ސިފަކުރާއިރު، މި އިސްލާހާއެކު ބައެއް ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވާނެކަންވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

