މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.
ސަރުކާރުގެ ކުންފުނިތައް ގުޅިގެން ތަރައްގީކުރި ކުޑަގިރި ރައީސް ސޯލިހު ހުޅުވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ބަންދުދުވަސްތަކުގައި ހިލޭ އެރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އެރަށުގައި ފުޓްސަލްއާއި ވޮލީވެސް ކުޅެވޭގޮތަށް އަދި ވޯޓާ ސްލައިޑްއާއި ކުޑަކުދިން ކުޅޭ ސަރަޙައްދާއި މިސްކިތާއި ޗޭންޖިން ރޫމާއި ރީޓެލް ފިހާރައާއި ކެފޭފަދަ ބޭނުންވާ މި ނޫންވެސް އެތައް ޚިދުމަތަކާއެކު ޢާއިލާއާ ރަހުމަތްތެރިންނާއެކު އުފާވެރި ޖަޒީރާވަންތަ ވަގުތުކޮޅެއް ހޭދަކޮށްލެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ.
މީގެއިތުރުން ކުޑަގިރީގައި ބާބެކިއު ހަދާނެ ތަންތަނާއި ހަޓްތައް ހުރުމުގެ އިތުރުން ދަތުރުދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.
ކުޑަގިރި މިއަދު ހުޅުވާފައިވާއިރު، 300 މީހުން ވަނީ ބުކް ކޮށްގެން އެ ރަށަށް މިއަދު ދަތުރު ގޮސްފައެވެ. އަދި މާދަމާއިން ފެށިގެން 500 އާއި 600 އާ ދެމެދުގެ މީހުންނަށް ދަތުރު ދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކުޑަގިރީގެ ވެބްސައިޓް އިން ދަތުރު ދިޔުމަށް ބުކް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.