10 އަހަރު ކުރިން ގެއްލުނު ފުރުސަތު ފަހިކޮށްދެވިއްޖެ: ރައީސް ސޯލިހު

277677_487f20d6-6_

މީގެ 10 އަހަރު ކުރިން މާލޭ ރައްޔިތުންނަށް ގެއްލުނު ފުރުސަތު އަލުން ފަހިކޮށްދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ކުޑަގިރި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، މީގެ 10 ވަރަކަށް އަހަރު ކުރިން އޭރުގެ ސަރުކާރުން މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޔަ ކުޑަބަނޑޮސް އެތަނަށް ނުދެވޭ ގޮތަށް އަތުލި ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ، ފާއިތުވި 10 އަހަރު ތެރޭގައި ދަތުރު ދިޔުމަށް ތަނެއް ނެތި އޮތް ކަންބޮޑުވުމަށް މިއަދު ހުޅުވުނު ޕިކްނިކް އައިލޭންޑާއެކު މާލޭގެ ރައްޔިތުންނަށް އަލުން ފަހިކޮށްދެވިފައިވާ ކަމަށެވެ.

މީގެއިތުރުން ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއްކަން ފާހަގަކުރައްވައި އެރަށަށް ކުޑަކުދިންނާ މުސްކުޅިންނާ ނުކުޅެދޭ ފަރާތްތަކާއި އަދި ޢާއިލާއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އަންނާނެކަމަށާއި ދަތުރު އަންނަ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެ ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް ރައީސް ސޯލިހު އިލްތިމާސްކުރެއްވިއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ބަންދުދުވަސްތަކުގައި ހިލޭ އެރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އެރަށުގައި ފުޓްސަލްއާއި ވޮލީވެސް ކުޅެވޭގޮތަށް އަދި ވޯޓާ ސްލައިޑްއާއި ކުޑަކުދިން ކުޅޭ ސަރަޙައްދާއި މިސްކިތާއި ޗޭންޖިން ރޫމާއި ރީޓެލް ފިހާރައާއި ކެފޭފަދަ ބޭނުންވާ މި ނޫންވެސް އެތައް ޚިދުމަތަކާއެކު ޢާއިލާއާ ރަހުމަތްތެރިންނާއެކު އުފާވެރި ޖަޒީރާވަންތަ ވަގުތުކޮޅެއް ހޭދަކޮށްލެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ.

ހަމަ އެހެންމެ މިރަށުގައި ބާބެކިއު ހަދާނެ ތަންތަނާއި ހަޓްތައް ހުރުމުގެ އިތުރުން ދަތުރުދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *