"ކުރިއެރުމުގެ އަސްލު ގުޅިފައިވަނީ ކާމިޔާބު ހާރިޖީ ސިޔާސަތާ"

278010_a40e40bc-d_

ސިއްހީ ދާއިރާ ފަދަ ދާއިރާތަކާއި އެނޫންވެސް އެކި ދާއިރާތަކުން މިހާރު ފެންނަމުންމިދާ ކުރިއެރުމުގެ އަސްލު ގުޅިފައިވަނީ ސަރުކާރުގެ ކާމިޔާބު ހާރިޖީ ސިޔާސަތާ، ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްހަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްޠިތާހުކޮށްދެއްވުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރ، ކަނބިލި ބިލްޑިންގްގައި ކުރިއަށްދިޔަ މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއިން އަވަށްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ އެކި ގައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުނުވެދިޔަ ދުވަސްތަކުގެ މައްޗަށްއަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން އެމަނިކުފާނު ވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައެވެ. އެގޮތުން އދ.ގެ މެމްބަރު ޤައުމުތަކުގެ 94 އިންސައްތަ ޤައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާއިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެއިތުރުން ނައިބްރައީސް ފައިސަލް ވިދާޅުވީ، މާލެ ސިޓީއަށް ސިއްހީ ހިދްމަތް ސެންޓްރަލައިޒް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސަރުކާރުން ލާމަރުކަޒީ އުސޫލުން ހިންގުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ބޭސްފަރުވާގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެވެރިކަންކުރާ ރަށަށް ކޮންމެހެން ދާން ޖެހޭގޮތަށް ހުރި ކަންކަން ބަދަލުކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމުގައި ފާހަގަކުރައްވާފައެވެ.

ރީޖަނަލް ޓާޝަރީ ހޮސްޕިޓަލްތަކުން ދޭ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ނައިބްރައީސް ފައިސަލް ވިދާޅުވީ، އެ ވިސްނުން ހަޤީޤަތަކަށް ގެނައުމުގެ ޕްލޭންތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މިދިޔަ އަހަރު މި ސަރުކާރުން ތަޢާރަފުކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓިއެލްގެ ހައިސްޕީޑް ފެރީގެ ހިދުމަތުން އެކަމަށް އިތުރު ފުރިހަމަކަމެއް ލިބެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބްރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދްމަތްތައް ހަރުދަނާކުރުމަށްޓަކައި ސިއްހީ ޚިދުމަތްތެރިންނަށް ތަޢުލީމާއި ތަމްރީނު ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްގޮތްކޮށް، މިދިޔަ އަހަރު ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، މި އަހަރު ސިއްހީ ދާއިރާ ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭން ސަރުކާރުން މީގެ ކުރިން އިއުލާންކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމާއި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށްއޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަކީ 2020 ވަނަ އަހަރު ޗައިނާ ސަރުކާރުގެ ދީލަތި އެހީގައި ހުޅުވި ސެންޓަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *