އެޗްޑީސީއިން ޕާކިންގްއަށް އިންގިލާބީ ބަދަލެއް ގެންނަނީ

svsvsv

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޕާކިންގްއަށް އިންގިލާބީ ބަދަލެއް ގެންނަން ތައްޔާރުވަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަންނަނީ ޕާކު ކުރުމުގެ ކަންކަމަށް ހައްލު ހޯދައި ދިނުމަށް ގިނަ މަސައްކަތްތައް ކުރަމުން ކަމަށާއި، މިގޮތުން ދާދި ފަހުން ވަނީ ކަރު އަދި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކު ކުރާނެ ޖާގަ ތަކެއް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން ދޫކޮށްފައި ކަމަށެވެ.

އެޗްޑީސީން ބުނީ، އާބާދީއާއެކު އިތުރުވަމުންދާ ވެހިކަލްތައް ޕާކު ކުރުމަކީ ބިންކުޑަ މި ރާއްޖޭގައި މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށް ދަތި ކަމެެއް ކަމަށައި، ހާއްސަކޮށް މާލެ އަދި ހުޅުމާލޭގައި ޕާކު ކުރުން ވަނީ ވަރަށްވެސް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ.

މިގޮތުން ޕާކިންގް ހައްލު ކުރުމަށް އެޗްޑިސީން ފާއިތުވި ދުވަސްތަކުގައި މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ، ދާދި ފަހުން ކާރު އަދި ބަރު އުޅަނދު ފަހަރަށް ޕާކް ކުރުމުގެ ޖާގަތަކެއް ހުޅުމާލެއިން ދޫކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެޗްޑިސީން ބުނީ، އެ ކޯޕަރޭޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައި ސްމާޓް ޕާކިންގް ތައާރަފް ކުރުމަށް ކަމަށައި، މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ މި ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި ކުރިޔަށްދާ ކަމަށެވެ.

ސްމާޓް ޕާކިންގގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ވާނެ ކަމަށައި، އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ މި ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކުރެވިފައި ހުންނާނެ ކަމަށާއި، ހަމަ އެކަނި ކާރު ޕާކިންގްއަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންކަން ފާހަގަކޮށް އެޗްޑީސީން ބުނީ، މި އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށް ކަމަށެވެ.

އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެ ކަމަށާއި، އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *