ރައީސް ސޯލިހު ހުޔާމް ހަލީލާ ބައްދަލުކުރައްވައިފި

sdwfw

2021 ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހާސިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު ފާޠިމަތު ހުޔާމް ޚަލީލާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާ މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

ފާޠިމަތު ހުޔާމްއަށް ރައީސް ސޯލިހު ހިތްވަރު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުޔާމް ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ހުޔާމްގެ މި ކާމިޔާބީ އާއި ގުޅިގެން އޭނާގެ އާއިލާއަށާއި، ސްކޫލް، އަލްމަދްރަސަތުލް އަރަބިއްުޔަތުލް އިސްލާމިއްޔާއަށް ރައީސް ސޯލިހު ވަނީ މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔުނިވަރސިޓީ ތައުލީމުގެ މަރުޙަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ފާތިމަތު ހުޔާމް ހަލީލް ވަނީ، ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާރ ހޯއްދަވާފައެވެ. އާކިޓެކްޗަރގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ގަސްދު ކުރައްވާ ހުޔާމް، މަތީ ތަޢުލީމް ޙާޞިލްކުރެއްވުމަށް ނިންމަވާފައި ވަނީ، މެލޭޝިޔާގެ "އިންފްރާސްޓްރަކްޗަރ ޔުނިވަސިޓީ ކުއާލާލަމްޕޫރް"އިން، "ބެޗްލަރ އޮފް ސައިންސް އިން އާކިޓެކްޗަރ ސްޓަރޑީޒް" އެވެ.

ހުޔާމަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރިޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަންގެ އިތުރުން، ހުޔާމްގެ މަންމަ އާއި އަލްމަދަރްސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒްމާ ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *