އިތުރު އޮފީސް އިމާރާތެއް އެޅުމަށް ޕްލޭންގައި އެބައޮތް: ރައީސް

ސފސފވއ

ސަރުކާރުގެ އޮފީސްތައް ހިންގުމަށް އިތުރު އިމާރާތެއް އެޅުމަށް ޕްލޭންގައި އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އުމަރު ޒާހިރު އޮފީސް ބިލްޑިންގް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ގިނަ އިމާރާތްތައް މިހާރުވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައި ކަމަށައި، އެކަމަށް ހައްލު ގެންނަން އިތުރު އޮފީސް އިމާރާތެއް ބިނާކުރުން ޕްލޭނުގައި އެބައޮތް ކަމަށެވެ.

ސަރުކާރުގެ އޮފީސް އިމާރާތެއް އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އޭގެފަހުން ސަރުކާރުގެ ޚިދުމަތްތައް ފުޅާވެ، ކުރަންޖެހޭ މަސައްކަތްތައް ގިނަވެގެންދިޔައިރުވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރުވެސް ހޯދިފައެއް ނެތް ކަމަށެވެ.

މިގޮތުން އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހިފައި އޮތް ހޭދަ ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށައި، އަދި މިހާރުވެސް އެކަމަށް ކުރަންޖެހޭ ޚަރަދު ދަނީ ބޮޑުވަމުން ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކަމަށް ހައްލު ގެންނަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އުމަރު ޒާހިރު އޮފީސް ބިލްޑިންގްގައި ޓްރާންސްޕޯޓް، ޖެންޑާ އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ބަދަލުވުމާއެކު ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތަކުން ބޮޑު ބައެއް ސަލާމަތްވެގެންދާނެ ކަމަށެވެ.

މީގެއިތުރުން މި އޮފީސް އިމާރާތް ހުޅުވިގެން މިދަނީ، މިފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްވަރެއްގައިކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *