އަދާލަތު ޕާޓީގެ ހޭރިޔާ އިން ގާބިލު ޒުވާން ލީޑާޝިޕެއް ނެރެވޭނެ: އިމްރާން

eg,jpeg

އަދާލަތު ޕާޓީގެ "ހޭރިޔާ 2023″ އިން ގާބިލު ޒުވާން ލީޑާޝިޕެއް ނެރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޭރިޔާ 2023 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، މިއަދު ރާއްޖޭގެ ދައުލަތުގެ ނިޒާމު އެންމެ ބޮޑަށް ބޭނުން ޖެހިފައި ވަނީ ޝަރުއީ ސިޔާސީ އުސޫލު ހިންގާނެ ގާބިލް ޒުވާން ލީޑާޝިޕަކަށް ކަމަށާއި، ހޭރިޔާ ޕްރޮގްރާމާއެކު އެފަދަ ސިޔާސީ ލީޑާޝިޕެއް ނެރެވޭނެ ކަމަށެވެ.

އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީ ފެށުނީސުރެ މަސައްކަތް ކުރަމުން އައީ ރާއްޖޭގައި ބަދަލުވަމުން އަންނަ ސިޔާސީ މަސްރަހުގައި އިސްލާމީ އަދި އިސްލާހީ ކުލަ ޖެއްސުމަށާއި، ފުޅާވަމުން އަންނަ ޑިމޮކްރަޓިކް ވެށި އިސްލާމީ އަދި އަހްލާގީ ސިފަތަކުން ދުރުވެގެން ދިޔަ ނުދިޔުމަށް ކަމަށެވެ.

އަދާލަތު ޕާޓީއަކީ ތިންވަނައަށް ރަޖިސްޓްރީ ކުރެވުނު ޕާޓީކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީގެ އިސްލާހީ މަސައްކަތް ބިނާކުރަނީ އިސްލާމީ، ޝަރުއީ، އިސްހީ މަސައްކަތެއްގެ މައްޗަށް ކަމަށާއި، އެދުވަހުން ފެށިގެން ބަދަލެއް ނައިސް އެއްގޮތެއްގައި މަޑުމަޑުން ކުރިއަށްދާ ހަމައެކަނި ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށެވެ.

މިގޮތުން އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީ އުފެދިގެން އައި އިރުއްސުރެ ޕާޓީގެ މަސައްކަތް އަދި ޕާޓީގެ އަމާޒާއި، ދާންވީތަން ވަރަށް ސާފު ކަމަށެވެ. އަދި ރާއްޖެ ބިނާވެގެންދާނީ އިސްލާމީ، ޝަރުއީ އަދި ސިޔާސީ ހަމަތަކުގެ މައްޗަށް ކަމަށެވެ.

އަދާލަތު ޕާޓީން ކުރިޔަށް ގެންދާ ހޭރިޔާ 2023 އަކީ ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *