"ހަނގާކުރުން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅުގޮތް"

280444_e3f3a4a4-4_

ހަނގާކުރުން ހުއްޓުވޭނީ މުޖުތަމައުގެ ހުރިހާފަރާތްތަކަކުން އެއްބާރުލުންދީގެން ކަމަށާއި، މިފަދަކަންކަން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބްރައީސް މިހެން ވިދާޅުވީ "ސްމައިލްއޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި، ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ވިލިމާލޭގައި ހުންނަ، މުޙްޔިއްދީން ސްކޫލުގައެވެ.

މި ރަސްމިއްޔާތުގައި ނައިބްރައީސް ވިދާޅުވީ، ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަހުލާގީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށާއި، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެމައްސަލަތައް ހުރިކަން ގަބޫލުކުރެވިގެން ކަމަށެވެ. މިގޮތުން ހަނގާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރިކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން، ނައިބުރައީސް ވިދާޅުވީ، ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވާކަމީ އުއްމީދު އާވެގެންދާ ކަމެއް ކަމަށާއި، ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ހަނގާކުރުން ހުއްޓުވުމުގައި އެއްބާރުލުންދީ، މުޖުތަމަޢުގެ އެންމެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެކަމަށް އިލްތިމާސްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވަނީ، ހަނގާކުރުމަށް ހޭލުންތެރިކުރުމާއި ގުޅޭ ގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ޅެމުގެ ރަމްޒީ ފިލައެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. ޅެމުގެ މިރަމްޒީ ފިލާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އެރުވީ ޅެން ހުށައަޅައިދިން، ކަލާފާނު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ޢައިޝަތު އަލާނިޔާ އިސްމާޢީލެވެ.

މިޖަލްސާއަށްފަހުގައި، ހަނގާކުރުމުން ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޕްލެޖް ވޯލްގައި ލިޔުން ފަށްޓަވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ވޯލްގައި ލިޔުއްވާފައެވެ.

"ސްމައިލް އޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ރައްކާތެރިކުރުމުގެ މަހުގެ ގޮތުގައި، ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާރިޗުމަހުގެ 23އަށް، އެއްމަސްދުވަހުގެ މިހަރަކާތްތައް ކުރިޔަށް ގެންދާނީ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *