ސްވިޑެން އާއި ބެލްޖިއަމްގެ އާ ސަފީރު، ރައީސްއަށް ފަތްކޮޅު އަރުވައިފި

280898_c91dd96a-a_

ސްވިޑެންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޭން ތެސްލެފް އާއި ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑިޑިއަރ ވެންޑަރހެސްލްޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ސްވިޑެން އަދި ބެލްޖިއަމްގެ ސަފީރުން ފަތްކޮޅު ރައީސް ސޯލިހުއަށް އަރުވާފައި ވަނީ ވަކި ވަކިން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސްވިޑެންގެ ސަފީރާއި ބައްދަލު ކުރައްވައި، ތަޙްނިޔާ ދަންނަވައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިބައްދަލުވުކުރެއްވުމުގައި، ސްވިޑެންގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެޤައުމުގައި ދިވެހިރާއްޖޭގެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ބެލްޖިއަމްގެ އާސަފީރާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، އިޢާދަކުރަނިވި ހަކަތައާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އައު ސަފީރުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެން، ކުރިޔަށް އޮތް މުސްތަޤުބަލުގައިވެސް އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރައްވާފައެވެ

Leave a Reply

Your email address will not be published. Required fields are marked *