ދުނިޔެއަށް އެދެވޭ ބަދަލު ގެންނަން އަރަމުން އަންނަ ޒުވާން ލީޑަރުން އިސްދައުރެއް އަދާކުރޭ: ނައިބްރައީސް

vev

ދުނިޔެއަށް އެދެވޭ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރަމުން އަންނަނީ އަރަމުން އަންނަ ޒުވާން ލީޑަރުންކަމުގައި ނައިބްރާއީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބްރައީސް ފައިސަލް މިހެން ވިދާޅުވީ މިއަދު ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި "އަޕްޝިފްޓް" ޕްރޮގްރާމް އިފުތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނައިބްރައީސް ދެއްކެވި ވާހަކަފުޅުގައި، ޢާންމު ދިރިއުޅުމުގައި ވެސް ކްރިޓިކަލް، އެނަލެޓިކަލް އަދި އީޖާދީ ވިސްނުންތަކާއެކު ކުރިޔަށްދިއުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ހަމައެހެންމެ، ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރިމަތިވާ މައްސަލަތަކާމެދު ވިސްނައި އެ މަސައްލަތަކަށް ހޯދޭނެ ޙައްލުތަކާމެދު ވިސްނުން ގެންގުޅުމަށްވެސް ދަރިވަރުންނަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ފައިދާތައް ބަޔާންކޮށްދެއްވައި އެއް އަމާޒަކަށް ވާސިލުވުމަށް އެކުގައި މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އަޕްޝިޕްޓް ޕްރޮގްރާމަކީ އަރަމުން އަންނަ ޒުވާން ލީޑަރުންނަށް، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) ކުރިޔަށްގެންދާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. ޔުނިސެފް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ރާއްޖޭގައި މި ހަރަކާތް ފުރަތަމަ ފަށަނީ ޕައިލޮޓްކޮށް، ރާއްޖޭގެ 48 ސްކޫލެއްގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

މިހަރަކާތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ހުނަރުތައް ތަރައްޤީކުރުމަށާއި ޖަމާއަތަށް ހެޔޮ ބަދަލުތައް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ މައްޗަށެވެ.

Leave a Reply

Your email address will not be published. Required fields are marked *