ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ޖޭޕީ އަދި އެމްއާރްއެމްއިން ކޯލިޝަން ހަދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތ.ހިރިލަންދޫގައި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކޯލިޝަން ހެދުމަށް ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ރަނގަޅު ނަތީޖާ ކުރިޔަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށައި، ސަރުކާރާއެކު މިހާރު ކޯލިޝަން ހަދާފައިވާ އަދާލަތު، ޖޭޕީ އަދި އެމްއާރްއެމްވެސް ކުރިޔަށް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުން މުހިންމު ކަމަށެވެ.

ކުރިން ކޯލިޝަން ހެދުމާ ދެކޮޅު ބޭފުޅުންނަށް މިހާރު ކޯލިޝަންވެސް ރަނގަޅު ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުރިންވެސް ކޯލިޝަން ހެދުމުގެ މަސައްކަތް ފެއްޓެވީ ދުރާލާ އެކަން މުހިންމުކަން އެނގިގެން ކަމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯޅިޝަން ހެދުމަށް ރައީސް ސޯލިހު ދެއްވި ދައުވަތު ގަބޫލު ކުރައްވައި އަދާލަތު އަދި އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވެފައިވާއިރު، ޖޭޕީ އަދި އެމްއާރްއެމް އިން ވަކި ގޮތެއް ނުނިންމައެވެ.