ވޮކޭޝަނަލް ދާއިރާއިން ޑިގްރީއަށް ކިޔެވޭނެގޮތް ހަދައިދޭނަން: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

vebn

ވޮކޭޝަނަލް ދާއިރާއިން ޑިގްރީ ފެންވަރަށް ކިޔެވޭނެ ގޮތް ވަރަށް އަވަހަށް ހަދައިދޭނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓަރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، އެމްއައިޓީ ގުޅިގެން ބޭއްވި ސްކިލްޑް ސެޓްފިކެޓްގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ، ދާދިއަވަހަށް ވޮކޭޝަނަލް ދާއިރާއިން މިހާރަށްވުރެ ބޮޑު މަތީ ސަނަދުތައް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، އަދި ޑިގްރީ ފެންވަރަށް އެ ދާއިރާއިން ކިޔެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.

މަސައްކަތުގެ ތައުލީމާއި ހުނަރަކީ ދުނިޔަވީ އަދި ދުވަހީ ކަންކަމުގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމެއްކަމަށާއި މެތަމެޓިކްސްއާއި ސައިންސާއި ފިޒިކްސްގެ މައްޗަށް ބިނާވެފައި އޮންނަ ތައުލީމެއް ކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދޭންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށެވެ.

މަސައްކަތުގެ ތައުލީމާއި ހުނަރާއި ތައުލީމަށް ކުރާ އިހުތިރާމް ބޮޑުވާން ޖެހޭ ކަމަށާއި، އެކަން ފުރިހަމައަށް ކުރެވޭނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުމަށްޓަކައި އެންމެ މުހިއްމީ ފަންނީ ގާބިލު ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުންކަމަށާއި، ސަރުކާރުން މަސައްކަތްތެރިންނަށް ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ.

މިގޮތުން ހަޔަރ އެޑިއުކޭޝަން އިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި އެމްއައިޓީއަކީ ވަރަށް ހާއްސަ ބައިވެރިއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސަރުކާރުން ޓިވެޓުގެ ތައުލީމަށް ދޭ ސަމާލުކަން ހާމަވެގެން ދިޔަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *