ގަލްގައިޑް ހަރަކާތުގެ އެންމެ މަތީ ޝަރަފް މެޑަމް ފަޒްނާއަށް

282590_f2f41855-7_

ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑު ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދަށް އަރުވައިފިއެވެ.

އެކަމަނާއަށް މިއެވޯޑު އަރުވާފައި ވަނީ، މިއަދު ކަސްޓަމްސް ބިލްޑިންގ، މީރުބަހުރު މާލަމުގައި ބޭއްވި، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ، އަހަރީ ޢާންމު ޖަލްސާގައެވެ.

މިއެވޯޑަކީ، މެޑަމް ފަޒްނާ ގަރލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރައްވައި، އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ފަރާތަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން، އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް، އަދި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ދެއްވާފައެވެ.

މި ޖަލްސާގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޗީފް ގައިޑް މެޑަމް ފަޒްނާއެވެ. މީގެ އިތުރުން މިޖަލްސާގައި، ކޮމިޝަނަރ ސެޓްފިކެޓާއި ހިދުމަތުގެ އެވޯޑް އަދި ގާލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ، ޗީފް ކޮމިޝަނަރ ނިއުމާތު ޝަފީގެވެ.

މި ޖަލްސާގައި، 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ހިދުމަތްކޮށްދެއްވާފައިވާ، 75 ފަރާތަކަށާއި، މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ހާސިލްކުރި ދެ ފަރާތަކަށް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މި ޖަލްސާގައި 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓް އިއްވައި ފާސްކުރުންވެސް އޮތެވެ.

Leave a Reply

Your email address will not be published. Required fields are marked *