ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުސަތު އެޗްޑީސީގެ އޯޕަން ޑޭގައި ހުޅުވާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން ބުނީ ފޭސް 2 ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި، ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް ނިންމާ އެ ފުރުސަތު އަންނަ ހުކުރު ދުވަހު ބާއްވާ އޯޕަން ޑޭގައި ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން އަންނަ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 – 22:00 އަށް އޯޕަން ޑޭ އަދި އެ މަގާމުތަކުގެ ވޯކް އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފޭސް 2 ކާމިލް ދީދީ ސްކޫލުގައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ، މިފަހަރު ހުޅުވާލެވޭ ފުރުސަތުތަކުގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި، 48 ސަޕޯޓް ސްޓާފް ނުގުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އަދި އެ ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި 10،500 ރުފިޔާ ވަނީ ކަނޑައެޅިފައި ކަމަށެވެ.
އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުސަތައް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ ބޭފުޅަކުވެސް އައި.ޑީ ކާޑްގެ ކޮޕީ އާއި ތައުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން ވަޑައިގެން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑިސީގެ އަމާޒަކީ ހިޔާ ސަރަހައްދަކީ ހިތް ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް އަދި މި މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބައިވެރިވުމާއި ހިޔާލު ހިމެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.