ޑިޖިޓަލް މުސްތަގުބަލެއް ކަށަވަރުކުރަން އަންހެނުން އިތުރަށް ބާރުވެރިކުރުވަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، މުޖުތަމައުއަށް ކުރިއެރުން ގެނެސް ދިނުމަށް އަންހެނުން އަަދާކުރަމުން އަންނަ އަގުނުކުރެވޭ ދައުރު މަތިން ހަނދާން އާކުރަންޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޑިޖިޓަލްވެފައިވާ މުސްތަގުބަލެއް ކަށަވަރު ކުރުމަށް އަންހެނުންގެ މެދުގައި އޮތް ތަފާތުތައް ނައްތާލަން ޖެހޭ ކަމަށާއި، އަދި އެކަމަށް ހާއްސަ ސަމާލުކަމެއްވެސް ދޭން ޖެހޭ ކަމަށެވެ.
މި ސަރުކާރުން ވަނީ ގާނޫނުތަކަށް އިސްލާހުތައް ގެނެސް އަންހެނުން އިތުރަށް ބާރުވެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ލޯކަލް ކައުންސިލްގައި އަންހެނުންގެ ގޮނޑިތައް ލާޒިމްކުރީވެސް މި ސަރުކާރުންނެވެ.