މި ސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮަޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ރޮޒައިނާ ވިދާޅުވީ، މި ސަރުކާރުން އަންހެނުން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ކެބިނެޓްގައާއި، ސަރުކާރުގެ މަތީ މަގާމުތަކުގަ ތިބި އަންހެނުންގެ އަދަދު އިތުރު ކުރެވިފައިވާ ކަމަށާއި، އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް ގިނަ އަންހެނުންތަކެއް އައްޔަން ކޮށްފައިވާ ކަމަށެވެ.

މިއާއެކު، އަލަށް ސުޕްރީމް ކޯޓަށާއި، ޖިނާއީ ކޯޓަށްވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރެވިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، ހާއްސަ ގޮތެއްގައި ކައުންސިލްތަކުގައި އަންހެނުންނަށް ޤާނޫނީ ގޮތުން ދެވުނު 33 ޕަސަންޓުގެ ކޯޓާއަކީ ކައުންސިލަރުންގެ ގޮތުގައި ތިބޭ އަންހެނުންނާއި، ފިރިހެނުންގެ އަދަދަށް ވަރަށް ބޮޑު ހަމަހަމަ ކަމެއްގެނުވައިދިން ބަދަލެއް ކަމަށެވެ.
ނަމަވެސް މުޖުތަމައުގައި މިފަދަ ކަންކަމާމެދު އޮންނަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން އެޅުނު ރަނގަޅު ފިޔަވަޅާ ދޭތެރޭގަ ގޯސް ނަޒަރަކުން ދެކެމުންދާ މީހުން މަދު ނޫންކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން މިއަދު “އެމްބްރޭސް އިކުއިޓީ" ޝިއާރު ވަރަށް މުހިއްމުވެގެންދާ ކަމަށާއި، ހަމަހަމަކަން ގެނައުމަށް ކުރެވޭ މިފަދަ ކަންކަމާ ދެކޮޅުހަދައި، ތަފާތުކުރުން ކަމަށް ބުނެ ނުރުހުން ފާޅު ނުކުރުމަށް ހޭލުންތެރިކަން އިތުރުކުރަން އެބަޖެހޭ ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
އިގްތިސާދީ ރޮނގުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ޤާނޫނުގަ އޮތް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން، އިތުރުއެހީތެރިކަން އަންހެނުންނަށް ބޭނުންވާ ކަމަށާއި، އިގްތިސާދީގޮތުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އަންހެނުން ވިޔަފާރިކުރުމަށް ހާއްސަކުރެވިގެން ލޯނު ދޫކުރެވި، ތަމްރީން ޕްރޮގްރާމްތައް ހިންގުން ފަދަކަންކަން ހިމެނޭ ކަމަށެވެ. ނަމަވެސް ރޮޒައިނާ ވިދާޅުވީ، އިގްތިސާދީގޮތުން ކުރިއެރުމަށްވެސް އަދަދުނުކުރެވޭހާ ގިނަ ގޮންޖެހުންތައް އަންހެނުންނަށް ހުރިކަން ފާހަގަވާ ކަމަށެވެ.
މީގެއިތުރުން ރޮަޒައިނާ ވިދާޅުވީ، ސަރުކާރުގެ ފަރާތުންދޭ ވިހެއުމުގެ ޗުއްޓީ ޕްރައިވެޓް ސެކްޓާގައި އަދިވެސް ނުލިބުމާއި، ވަޒީފާ އަދާ ކުރާ އަންހެނުންނަށް ކޮންމެހެންވެސް ބޭނުންވާ ޑޭކެއަރ ސެންޓަރުތައް އެކަށީގެންވާ ވަރާ ގާތަށްވެސް ނެތުމާއި، ނުރަސްމީ މަސައްކަތުގެ ދާއިރާގައި އުޅޭ އަންހެނުންނަށް ލޯނު ހޯދުމުގައި ހުރި ދަތިތައް ފަދަ އެތައް ގޮންޖެހުންތަކަކާ އަންހެނުން ކުރިމަތިލާން އެބަޖެހޭ ކަމަށާއި، މިކަންކަން ހައްލުކުރުމަށް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން ހާއްސަ އެހީތެރިކަމެއް އަންހެނުންނަށް ބޭނުންވާ ކަމަށެވެ.
ގައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ތައުލީމީ ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން މިރާއްޖޭގައި ގާއިމްކުރެވިފައިއޮތް އެއްދާއިރާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، އެ ދާއިރާއިން އަންހެނުންދަނީ ގިނަގުނަ ކާމިޔާބީތައް ހޯދަމުން އަންނަ ކަމަށާއި، ނަމަވެސް އެހެން ދާއިރާތަކަށް ބަލާއިރު، ހާއްސަކޮށް ސިޔާސީ ދާއިރާ އާއި އިގްތިސާދީ ދާއިރާއަށް ބަލާއިރު އަންހެނުން އަދިވެސް އުޅެނީ ވަރަށް ފަހަތުގައި ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
މިގޮތުން ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައިވެސް ހަމަހަމަ ފުރުސަތުތައް އޮންނަކަން ފާހަގަކުރައްވާ ރޮަޒައިނާ ވިދާޅުވީ، އެ ގާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަމެއް ނުފެންނަ ކަމަށެވެ.
"މިސާލަކަށް ބަލާއިރު، އިންތިހާބުތަކަށް ކުރިމަތިލުމުގައި އެއް ފުރުސަތުތަކެއް އެންމެންނަށްވެސް ޤާނޫނީ ގޮތުން އެބަލިބޭ. ނަމަވެސް ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް 87 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ 4 އަންހެނުން. އަދި ކައުންސިލްތަކުގެ އިންތިހާބުތަކުންވެސް 2021 ވަނަ އަހަރުގެ ކުރިން ފެނިގެން ދިޔައީ ހަމަ މިމަންޒަރު" މެމްބަރު ރޮޒައިނާ ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް އޮންލައިން ޕްލެޓްފޯރމް ތައް ބޭނުން ކޮށްގެން ފުރައްސާރަކޮށް، ހަނގާކުރުން ވެފައިމިވަނީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބު ކަމަށާއި، އެހެންކަމުން މިއަދު ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މީގެއިތުރުން އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށާއި، އަދި ހާއްސަކޮށް މިކަމުގައި އެހެން އަންހެނުން ބައިވެރި ނުވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އަދި މިއަދު އަންހެނުން އެހެން އަންހެނުންނަށް ދޭން އޮތް އެންމެ މުހިއްމު އެއް މެސެޖަކީ، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށާއި، އެކަކަށް ލިބޭ ކުރިއެރުމަކީ އަނެކާއަށްވެސް ލިބޭ ކުރިއެރުން ކަމަށް ދެކި، އެކަކު ކުރިއަރުވައިގެން އަނެކާ ކުރިއެރުމަށް އަޒުމް ކަނޑައެޅުން ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.