ޑްރަގް އެތެރެކޮށްގެން މިހާތަނަށް ޑީޕޯޓްކުރީ އެންމެ މީހެއް: ސަރުކާރު

img_lg_202003190304101584612250.6089

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން ޑީޕޯޓް ކޮށްލެވޭ ގޮތަށް ހެދި ގަވާއިދުގެ ދަށުން މިހާތަނަށް ގައުމަށް އަނބުރާ ފޮނުވާލާފައި ވަނީ އެންމެ މީހެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ސަރުކާރުން މި މައުލޫމާތު ހާމަކޮށްފައި މިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން ޑީޕޯޓް ކޮށްލެވޭ ގޮތަށް ހެދި ގަވާއިދާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ ހަސަން ލަތީފް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލެއްގައެވެ.

މިގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ހަސަން ލަތީފް ކުރެއްވި ސުވާލާ ގުޅިގެން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިމިގްރޭޝަނާއި ކަސްޓަމްސްގެ ޖަވާބު މަޖިލީހަށް ލިޔުމުން ފޮނުއްވައިފަ އެވެ.

މޯލްޑިވްސް ކަސްޓަމް ސާވިސް އިން ބުނީ، ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން ފަސިންޖަރުން ދިވެހި ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓުމާއި، އަނބުރާ ފޮނުވާލުމުގެ އިހްތިޔާރު ލިބިގެންވަނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ކަމަށެވެ.

މީގެއިތުރުން އެ ގަވައިދުގެ ދަށުން ރާއްޖެއަށް އެތެރެވުމުން ހިފެހެއްޓޭ ފަރާތްތަކާމެދު އަމަލުކުރުމުގައި ކަސްޓަމްސްގެ ރޯލަކީ ފަސިންޖަރާއި، ފަސިންޖަރުގެ ފޮށިތަންމަތި ބަލާ ފާސްކުރުން ކަމަށާއި، އަދި ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިއްޖެނަމަ، މަސްތުވާތަކެތި ފުލުހުންނާ ހަވާޅުކޮށް، ފަސިންޖަރު އަނބުރާ ހަވާލުކުރާނީ އިމިގްރޭޝަނާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ގަވައިދުގެ ދަށުން މިހާތަނަށް އިމިގްރޭޝަނުން މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލާފައި ވަނީ އެންމެ ފަސިންޖަރަކަށްވާއިރު، އެއީ ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ނެތް ކަމަށެވެ. އަދި އޭނާްގެ ފޮށި ބަލައި ފާސްކުރިއިރު ޕެކިންއާއެކު 2.6 ކިލޯގެ ކޮކެއިން ފެނުނު ކަމަށާއި، އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިއާއެކު، އިމިގްރޭޝަނުން ފޮނުވި ޖަވާބުގައި ވަނީ ރާއްޖެ އަކީ 12 މާޗު 1974 އިން ފެށިގެން "އައިކާއޯ" ގެ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަންގެ މެންބަރު ގައުމަކަށް ވާއިރު، ރާއްޖެ އެތެރެވާން ހުއްދަ ނުލިބޭ މީހުން ލަސް ނުކޮށް ފޮނުވާލަން ޖެހޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *