ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއީ 2019 ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރު ކަމަށާއި، އަދި މިއީ، ފާއިތުވި 3 އަހަރު ރާއްޖެއަށް ވިދިވިދިގެން 3 ފަހަރު ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބުނުފަހުންވެސް ރާއްޖެއިން އައިޓީބީގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށެވެ.
ރައީސްގެ ދެކަނބަލުން އައިޓީބީ ފެއާއަށް މިކުރެއްވި ޒިޔާރަތުގައި، ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ހިދުމަތްތައް ބައްލަވާލެއްވާފައިވާއިރު، ރައީސްގެ ދެކަނބަލުން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރެއްވުމުން، އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ ރައީސްއަށް އެސްޓޭންޑުގެ މޮޑެލްއެއް ވެދުމަށް އަރުވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އައިޓީބީ ބާލިންއަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ. މިއަހަރުގެ ފެއާގައި އެމް.އެމް.ޕީއާރްސީއާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފައެވެ.
މިދަތުރުފުޅުގައި ރައީސް ސޯލިހު ޖަރުމަނަށް ވަޑައިގެންނެވީ، ގަތަރުވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު ޖަރުމަނަށް ކުރައްވާ މިދަތުރުފުޅުގައި އެގައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލު ކުރައްވައި، ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެ ކަމަށާއި، ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.