ހައްޖާއި އުމްރާއަށް ދިޔުމުގެ ފުރުސަތު ސްޓެލްކޯގެ 4 މުވައްޒަފަކަށް

b9b45908-e723-4347-ac4a-8e612d5b5629

މި އަހަރު ސްޓެލްކޯގެ ފަރާތުން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދިޔުމުގެ ފުރުސަތު ހަތަރު މުވައްޒަފަކަށް ދީފިއެވެ.

ސްޓެލްކޯއިން ބުނީ، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭ ހަތަރު މުވައްޒަފުން އެ ކުންފުނިން ހޮވާފައި ވަނީ އަންހެންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަގިރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތުންނެވެ.

1444 ވަނަ އަހަރުގެ ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުން އަދި އަންހެން 22 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެއިތުރުން ސްޓެލްކޯއިން ބުނީ، އުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުން އަދި އަންހެން 56 މުވައްޒަފުން ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުން:

  • ފިރިހެން މުވައްޒަފުންގެ ތެރެއިން – ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އަބްދުﷲ ޝަރީފް
  • އަންހެން މުވައްޒަފުންގެ ތެރެއިން – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ ހަދީޖާ ތައުފީގާ

އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުން:

  • ފިރިހެން މުވައްޒަފުންގެ ތެރެއިން – ސާރވިސް ސެންޓަރުގެ ޝާހުލް ހަމީދު
  • އަންހެން މުވައްޒަފުންގެ ތެރެއިން – ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ފާތިމަތު ރިޒްނާ

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށާއި، އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *