ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑާލަން ރައީސް އެދިވަޑައިގެންފި

bebhn

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިހެން އެދިވަޑައިގަތީ ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ އެމަނިކުފާނު އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށާއި، ޖަރުމަނުވިލާތާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލްއާ، އޮނަރަރީ ކޮންސުލްއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާ ޖަރުމަނާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާ، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުންވެސް ތިންބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް ސޯލިހު، އޮނަރަރީ ކޮންސުލް ޖެެނެރަލް އަދި އޮނަރަރީ ކޮންސުލް ބޭއްވެވި މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ގައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަގީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާ ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 05 ޖުލައި 1966 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *