ރައީސް ސޯލިހު، ޖަރުމަނުގެ ރައީސްއާ ބައްދަލުކުރައްވައިފި

bebn3

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޖަރުމަނުގެ ބާލިންގައި ހުންނަ އޮފީސް އޮފް ދަ ފެޑެރަލް ޕްރެޒިޑެންޓްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޔޫރަޕިއަން ޔޫނިއަންގައި ޖަރުމަނުން ދައްކަމުންގެންދާ ލީޑަރޝިޕަށް ތަޢުރީފުކުރައްވައި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޔޫރަޕުގައި ނަގާ ޓެރިފް ރޭޓާ ގުޅޭގޮތުންނާއި ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭގޮތުންނާއި ދެ ޤައުމުން އިންކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި ގުޅޭގޮތުންނާއި ވައިގެ ދަތުރުފަތުރާއި ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދެ ބޭފުޅުންގެ މިބައްދަލުވުން ނިންމަވާލެއްވީ ދެޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އަދި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއިން ޖަރުމަނާއެކު ސިޔާސީ ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *