އާބަން ބޮލަވާޑްގައި ރެސްޓޯރަންޓް އަދި ކެފޭ ހެދުމަށް 6 ފަރާތަކާއެކު ސޮއިކޮށްފި

4646

ދިވެހިރާއްޖޭގެ އިގްތިސާދީ މަންފާއަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާބަން ބޮލަވާޑް މަޝްރޫޢުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީކުރުމަށް ހަ ފަރާތަކާއެކު އެޗްޑީސީން ސޮއިކޮށްފިއެވެ.

މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ކެފޭ އަދި ރެސްޓޯރެންޓް ހެދުމަށް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ބްރަދާސް ކޭޓަރިން، ރެފްކޫލް، ސެލްސިއަސް، މިސްރާބު، ޑައިނަމޯ އަދި ޑްރީމްސްއާއެކުގައެވެ.

އެޗްޑީސީން ބުނީ، ބްރަދާސް ކޭޓަރިންގް އިން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ ރެސްޓޯރެންޓް އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ މުހައްމަދު ޝައިފް ކަމަށާއި، ރެފްކޫލްގެ ފަރާތުން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ  އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރ އަހުމަދު ނިހާދް ކަމަށެވެ، އަދި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފަޒީލް ކަމަށެވެ.

މީގެއިތުރުން، މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކެފޭ ގާއިމްކުރުމުގެ އެއްބަސްވުމުގައި ޑިރެކްޓަރ އަހުސަން ޒާހިރު ސޮއިކުރައްވާފައިވާއިރު، ޑައިނެމޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ އަލީ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ޑްރީމްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން އާބަން ބޮލެވަރޑް ގާއިމު ކުރެވޭ އެއްމެ ފުރަތަމަ ގްލޯބަލް ފްރެންޗައިސް އައުޓްލެޓްކަމުގައިވާ ކެނީ ރޮޖާސް ރޯސްޓަރސްގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައި ކަމަށާއި، މި އެއްބަސްވުމުގައި ޑްރީމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ހުސެއިން އެވެ. އަދި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ޝާމް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް އެތަނުގައި ގާއިމު ކުރެވިގެން ދާނެއެވެ. އަދި މިހާރު ހުޅުމާލެ ބީޗްގައި ހިންގޭ ކެފޭ ރެސްޓޯރަންޓުތައް ނެތުމަށް ވެސް ދާއިމީ ހައްލެއް މި ކަމުން ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ، އެ އައުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބިގެން ދާނެ ކަމަށާއި، އަދި އެ ކެފޭތައް ޑިޒައިން ކުރެވިފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާރބަން ބޮލެވަރޑްގެ ރީތި ކަމަށް ބަލާ އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *