ގަތަރާއި، ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެއަށް!

284067_647ebe9e-5_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

‎ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގެންފައިވަނީ ގަތަރުގެ ވެރިރަށް ދޯހާއަށެވެ. އަދި އެމަނިކުފާނު ވަނީ ދޯހާގައި ކުރިޔަށްދިޔަ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފައެވެ. މި ކޮންފަރެންސްގެ ހަވާސާގައި ރައީސް ސޯލިހު ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ.

‎ހަމަ އެއާއެކު މި ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހު ވަނީ ސޭޝެލްސްގެ ރައީސް އާއި، ފަލަސްޠީނުގެ ރައީސް އާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯރ-ލެސްޓޭގެ ރައީސްއާއި، އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސްގެ އިތުރުން އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި އެގައުމުތަކުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

‎ރައީސް ސޯލިހުގެ މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން އެމަނިކުފާނު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އެމަނިކުފާނު ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވާފައެވެ.

‎މި ދަތުރުފުޅުގައި ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސް ސޯލިހު ވަނީ ޖަރުމަނުގެ ރައީސް އާ ބައްދަލުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *